އިސްލާމިކާ ޖަމިއްޔާއިން، ކޮންމެ އަހަރަކު ހޮވާ، އިސްލާކިމް އިގްތިސާދުގައި މުޅި ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ 500 ޝަހްސިއްޔަތުންގެ ލިސްޓުގައި މި އަހަރު ވެސް ރާއްޖެއަށް ނިސްބަތްވާ ޑރ.އައިޝަތު މުނީޒާގެ ނަން ހިމެނިއްޖެއެވެ.

މިއީ މި ލިސްޓުގައި ޑރ.މުނީޒާ ހިމެނުނު ތިންވަނަ ފަހަރެވެ. އެ2017 އާއި 2016 ވަނަ އަހަރު އި އެންމެ ފާހަގަކޮށްލެވޭ 500 ޝަހްސިއްޔަތުންގެ ލިސްޓުގައި ވެސް މުނީޒާ ހިމެނުނެވެ.

އިސްލާމިކް ފައިނޭންސް ދާއިރާއިން މުޅި ދުނިޔޭގައި ފާހަގަކޮށްލެވޭ ފޮތްތައް ޝާއިރު ކުރައްވާފައިވާ މުނީޒާއަކީ އިސްލާމިކް ފައިނޭންސްގައި ބައިނަލްއަގްވާމީ ފެންވަރުގައި މިހާތަނަށް ފާހަގަކުރެވޭ ހަމައެކަނި ދިވެހި އަންހެން އިސްލާމިކް ފައިނޭންސްގެ ޕްރޮފެސަރެވެ.

އަދި ރާއްޖެއަށް އިސްލާމިކް ފައިނޭންސް ތައާރަފު ކުރުމަށް ސަރުކާރުން ކުރި މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް މުނީޒާއެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވާފައިވާ މުނީޒާއަށް ވަނީ މީގެ ކުރިންވެސް އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން އެތަކެއް ކާމިޔާބީތަކެއް ލިބިފައެވެ.

އެގޮތުން އިނގިރޭސި ވިލާތުގެ އިދާރާއެއް ކަމަށްވާ ކެމްބްރިޖް އައިއެފްއޭއިން މުޅި އިސްލާމިކް ފިނޭންސް ދާއިރާއިން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 ކަނބަލުންނަށް ދޭ އެވޯޑުވެސް މި އަހަރުގެ ތެރޭގައި އޭނާ ވަނީ ހޯދާފައެވެ.