ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރުކުރުމަށް އަންގާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކާއި މެދު އުފެއްދޭނެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހިޔަނި އެޅުމަށް ކަމަށް ޕީޕީއެމްގެ ސެކެރަޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާތަކުން ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު މާދަމާ މެންދުރު 14:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެމަނިކުފާނަށް ވަނީ ޗިޓު ފޮނުވާފައެވެ.

ހަލީލް މިއަދު އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް އަންގާފައިވަނީ ރައީސް ޞޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކާއި މެދު އުފެއްދޭނެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހިޔަނި އެޅުމަށް ކަމަށެވެ. އަދި އެ އެއްބަސްވުންތަކުގެ ހަޤީގަތް ރައްޔިތުންނަށް ސިއްރު ނުކުރެވޭނެ ކަމަށްވެސް ހަލީލްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

"އެ އެއްބަސްވުންތަކުގެ ހަޤީގަތް ރައްޔިތުންނަށް ސިއްރު ނުކުރެވޭނެ" ހަލީލްގެ ޕޯސްޓްގައިވެއެވެ.

ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ހަލީލް މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ނައިބު ރައީސާ އަދި ކުރީ ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަންވެސް ކުރެއްވި އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ބޭނުންކުރުމަށް އެކި ގޮތްގޮތުން ލިބުނު ފައިސާގެ މައްސަލަ ބެލުމަށް ކަމަށެވެ.

ވެރިކަމާއި ހަވާލުވެލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވާފައިވާއިރު އެ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީއާއި ބެހޭ ގިނަ އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި އެ ދަތުރުފުޅަށް ދެގައުމުންވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑެއިލް

    ގައުމު ވިއްކާލަން އެދަނީ. ޖީމްއެމްއާރު މީހުން ކެމްޕޭނަށް ދިން ފައިސާގެ ބދަލު އެއާޕޯޓް 100 އަހަރަށް.

  2. އިޒާރު

    އިންޑިޔާއިން 1 ބިލިޔަން ޑޮލަރު ހުށަހަޅާފަ އޭގެން 300 މިލިޔަން ޑޮލަރު އެމްޑީޕީ ކެމްޕޭނަށް ވަނީ ދީފައި. ބާކީ 700 މިލިޔަން ލިޔެކިޔުމުން ދައްކާ ގޮތަށް ޑީލް އޮތީ ހަދާ ނިންމާފަކަން ކަށަވަރުންވެސް އިނގިފައޮތީ.

  3. 3ވަނަ ވިސްނުން

    ޢިތުރަކަން ވިއްކާނެ ގަންނާނެ އެއްޗެން މިގައުމުގައި އެބަ އޮތްބާ
    ޙަލީލް ހިޔަނީގައި ތަންކޮޅެއް ބޮޑަށް ފިއްލަވާ. ޜ ޔ ހައްޔަރު ކުރީމަ އަތް ޖަހަން ނޫނީ ހާބަރ ކަޑައިގެ މައްސަލަ ދެންފެންނާނީ!

  4. ާޢަބްދުﷲ

    ކަމެއް ހިނގާފައި އޮވެއްޖެއްޔާ ބަލާނެތާ

  5. ނައްލަބެ

    ސޯލިހު ވަގު އިންޑިޔާއަށް ފުރަންޖެހި މަޅިއެއްދޯމީ މޯދީގެ މަޅީގައި ލިޔަންކިޔަންނޭނގޭ ގަމާރު ރަނގަޅައް ޖައްސާނެ ދުވަސްދިޔައީ ގައުމު އަނދަވަޅަކައް ވައްޓާލީ.