މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތެއް އިފްތިތާޙު ކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. "ސާފު ރާއްޖެ - އަހަރެންގެ ޒިންމާ" ގެ ނަމުގައި މި ހަރަކާތް އިފްތިތާޙު ކޮށްފައިވާއިރު، އޭހެ ހަފްތާއެއް ފަހުން އަނެއްކާވެސް އެފަދަ ހަރަކާތެއް އިފްތިތާޙު ކުރުމަށް ވަނީ ނިންމާފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މާދަމާ ފެށުމަށް ނިންމާފައިވަނީ މުޅި ރާއްޖެ ފެހިކުރުމުގެ "ރަށްފެހި ޕްރޮގުރާމު" އެވެ.

އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރު، ޕީއެސްއެމް އިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މި ޕްރޮގުރާމު ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ތިމާވެށްޓާ ރައްޓެހި އާދަތަކަށް ރައްޔިތުން ހޭލުންތެރިކުރުވާ، ތަރައްޤީއާއެކު ގެއްލެމުންދާ ރާއްޖޭގެ ފެހިކަން އަލުން ދިރުވައި އާލާކުރުންކަމުގައެވެ.

މީގެއިތުރުންވެސް، ޒާހިރު ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދާއިރު ރުކާއި ރާއްޖޭން ނެތިގެން ގޮސްދާނެކަމުގެ ބިރު ހީވެފައިވާ ބާވަތްތަކުގެ ގަސްތައް އިންދުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

މާދަމާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ހަރަކާތް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވާއިރު ހަރަކާތް އިފްތިތާޙު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ. އަދި އަމާޒަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅޮ ރާއްޖެއަށް މި ހަރަކާތް ފުޅާކުރުންކަމަށްވެސް ތިމާވެށްޓާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

މުޅި ރާއްޖެ ފެހިކުރުމުގެ ޕްރޮގުރާމެއް ހިންގުމަކީ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އދ.މާމިގިލި

  އެކަމަކު މާމިގިލީ ކައުންސިލާސް އިން ވ ރުޅި އަންނާނެ ގަސް އިންދަންޏާ. ގޯއްޗެއްގެ މަގުފާރުން ބޭރަށް ފަތެއް އިނަސް މުޅިގަސް މުލުން ލުހެލަން އަންގާނެ. ވަރަށް ނައްޓާ ހުވާމިބުނީ.

 2. ޢަހަންމާ

  ސިހުރު ބަނދެފަ އަނެއްކާވެސް ފެންފޯއް ރުއްތަކެއް އިންދަނީ ދޯ.

 3. އަމާނު

  މުޅި ދިވެހިރާއްޖެ ސާފުކުރީމޭ ބުނެ ދޮގު ހަދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށުގައި 12 ކޮންޓެއިނަރުގެ ހުސްފުޅި ލައްވެފައި އެބަހުރި މިތަންބަލަންދޭބަލަ ފެންނާނެ .......

 4. ހުރާގަނޑު

  މި ވެރިކަމުގައި ކުރެވޭނީ ތިކަހަކަ ތާކުންތާކު ނުޖެހޭ ފެނި ގެއްލޭ މަސައްކަތް ދުވަސްކޮޅަކުން ހުލިވެދާނެ މިހާރު ރައީސް ޔާމީން ހޯދާފައި ހުރި ލާރިތަށް ހުސްވީމާ ހަދާނެގޮތް ހުސްވީ އެހާހިސާބުން ގައުމު އަޑިއަޅާލާނެ ކަމީ ޝައްކެތް އޮތްކަމެއްނޫން.

 5. ހަސަނު

  ކޮޕީ ކުރުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށް ސްކޫލްތަކުގަވެސް ކިޔައިދީ ހަދާ.