(އއ. ރަސްދޫ) ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ގެސްޓްހައުސް ސިމްޕޯޒިއަމް މިހިނގާ ޑިސެމްބަރ މަހުގެ 29 ވާ ހޮނިހިރު ދުވަހު ބާއްވަން ޓުއަރިޒަމް މިނިސްޓްރީން ނިންމަވައިފިއެވެ.

"ގެސްޓްހައުސް ސިމްޕޯޒިއަމް 2018" މިމަހު 29 ގައި މާލޭ ދަރުބާރުގޭގައި ބޭއްވުމަށް ނިންމާ އެކަން ރަސްމީކޮށް، އިއުލާން ކުރައްވާފައިވަނީ، ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު މިރޭ އއ.ރަސްދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ގެސްޓްހައުސް ސިންޕޯޒިއަމް އިއުލާން ކުރަން އިޙްތިޔާރުކުރި ރަސްދޫއަކީ 15 ގެސްޓްހައުސް ޓުއަރިއޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ، 160 ބެޑް ހުރި ލޯކަލް ޓުއަރިޒަމްގައި ފާހަގަކޮށްލެވޭ ވަރުދަދަ ރަށެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި މިއޮތީ ދިވެހިރާއްޖޭގެ ރެޖިސްޓަރޑް ހުރިހާ ގެސްޓްހައުސްއަކަށް ދައުވަތު ދީގެން މިހިނގާ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ކެމްޕޭންގައި ވައިދުވެލައްވާފައިވާ ގޮތަށް، ގެސްޓްހައުސް ސިމްޕޯޒިއަމް 2018 ބާއްވަން." ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސިމްޕޯޒިއަމްގެ ބޭނުމަކީ ރާއްޖޭގެ ރަށްރަށުގެ ގެސްޓްހައުސްތައް ހިންގާއިރު (ލޯކަލް ޓުއަރިޒަމަށް) ދިމާވާ މައްސަލަތައް ދެނެގަނެ، ގެސްޓްހައުސް ވިޔަފާރިވެރިންގެ ހިޔާލާއި، މަޝްވަރާ ލިބިގަނެ، އެކަންކަމަށް މައުނަވީ ހައްލެއް ހޯދުން ކަމަށެވެ.

"މި ފުރުޞަތުގައި ދިވެހިރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށް މި ސިމްޕޯޒިއަމްގައި ބައިވެރިވުމުގެ ދައުވަތު އަރުވަން. އަދި ޓުއަރިޒަމްގެ މިނިސްޓްރީގެ ވެބްސައިޓްގައި މި ސިމްޕޯޒިއަމްއާ ބެހޭ އިތުރު މަޢުލޫމާތުތަކާއި، ސިމްޕޯޒިއަމް ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތު ހުންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމްގެ ތެރޭގައި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމުގައިވާ ދިވެހިރާއްޖޭގެ ސަރަހައްދުތައް ނުވަތަ ރަށްތައް ޑިސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމަށް ސަރުކާރުން ބްރޭންޑިންގ މަސައްކަތް ކުރާއިރު، ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ކަރުދާސްތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ ޚިޔާލާ އެއްކޮށް ގެސްޓްހައުސް ސެކްޓަރގައި ހުރި ރެގިއުލޭޝަންސްތައް އިތުރަށް ހަރުދަނާ ކުރުމަށް އެކަންކަން ދެނެގަތުން އޮންނާނެ. ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން މުޖުތަމައުތަކަށް ލިބޭ މަންފާތައް، އަދި އެ މަންފާތަށް އިތުރަށް ވާސިލްވުމުގައި ބޭނުންވާނެ ކަންތައްތައް ދެނެގަތުން އޮންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުން އެކަނި ކަރުދާސް ހުށަހެޅުމުގެ ބަދަލުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ ކަރުދާސްތައް ސަރުކާރާ ހިއްސާކޮށް، އެފަރާތްތަކުގެ ވާހަކަތަކާއި، އަޑުތައް ސަރުކާރާ ހިއްސާކުރުމުގެ ފުރުޞަތު ގެސްޓްހައުސް ސިމްޕޯޒިއަމްގެ ތެރެއިން ލިބިގެންދާނެކަމަށެވެ.

މިފަހުގެ ތަރީޚެއްގައި ސަރުކާރުން އިސްނަގައިގެން ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ އެއްކޮށް ބެއްވޭ އެންމެ ބޮޑު ސިމްޕޯޒިއަމް މާލޭގައި ބެއްވުމަށް ހަމަޖެހިފައިވަނީ އެއް ދުވަހުގެ މުއްދަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢާސީ

    މީ އަޅެ ކިހާދެރަކަމެއް ކޮން ގެސްޓު ހައުސްއެއް ރައްޔިތުން ހަވާލު ކުރި މަސައްކަތް ކޮބާތަ

  2. ނާހިދާ

    ސިމްޕޯޒިއަމް ތިޔަ ބާއްވަނީ ކިހާފައިސާއަކަށްތަ ޖީބަން ކިހާވަރެއް އަޅާނެބާ ނޫނީ ހުޅުމާލެއިން ކިތަން ގޯތިތޯ

  3. ކޮރަޕްޓް މިނިސްޓަރު

    ކޮންމެ ގެސްޓް ހައުސްއަކުން އަހަރަކަށް ޖެހޭ ފައިދާގެ ކިހާވަރެއް މީނާއަށް ދޭން ޖެހޭނެބާ؟ ކަޓު ނުލިބޭ ގޮތަކަށް މީނާ އެންމެ ފިޔަވަޅެއްވެސް ނާޅާނެ. ލާރިއާއި ހެދި ބޫތު ކައިފަ ހުންނަ މީހެއް މީ. މި 5 އަހަރު ނިމޭއިރު މިލްކިއްޔާތަށް ކިހާ ވަރެއް އިތުރުވާނެބާ؟؟

  4. އަޙްމަދު

    ކޮބާތޯ މަންމަ ކިއްލި ވިއްކައިގެން ލިބިނުފާއިސާއިން ގަތް ގޯތްޗާއި އެޅިގެ. އަދި މާލޭގައި ތިބި ހުރިހާ ގެސްޓް ހައުސް ތަކާއި ހުޅުމާލޭގައި ހުރިގެސްޓް ހައުސްވެސް ބަލައްޗޭ. ބެއެއް ތަނަތަނަކީ ގެސްޓުން ދިރިއުޅެން ހެޔޮވާވަރު ތަންތަންވެސްނުން. ޙައްސަކޮން 20 ނުވަތަ 30 މީހުން އެއްކޮޓަރީގައި ނިދާ ތަންތަންވެސް އެބަހުރި

  5. ސަމީރު ޢާޒީ

    މިހުރިހާ ދުއްޕާނަކީ ގާސިމްގެ ދުއްޕާން ކަމައްވަނީ