ވައްކަން ބަލާ ވާހަކަ ދެއްކިޔަސް ނުފުދޭ ކަމަށާއި ވައްކަން ބަލަން ވޯޓު ނަގާއިރު މެންބަރުން އެކި ތަންތަނަށް ފުރައިގެން ގޮސް ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރޮޒައިނާ މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި ނެގި ވައްކަންތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ޤާނޫނަކަށް ހެދުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ވެރިކަން ކުރާ ކޯލިޝަންގެ ބައެއް މެންބަރުން ބައިވެރިވެވަޑައި ނުގަތުމުންނެވެ.

މިއަދުން ފެށިގެން މަޖިލިސް ޗުއްޓީ އަށް ގޮސްފައިވާއިރު، މިއަދު މި ބިލުތައް ފާސްކުރެވޭ ގޮތް ނުވީ މަޖިލީހުގެ ކޯރަމް ގެއްލުމުންނެވެ. މި ބިލުތައް ފާސްކުރަން 43 މެންބަރުން ތިބެން ޖެހޭއިރު، މަޖިލީހަށް ހާޟިރުވީ އެންމެ 39 މެންބަރުންނެވެ.

"ވައްކަން ބަލާ ވާހަކަ ދެއްކިޔަސް ނުފުދޭ. ވައްކަން ބަލަން ވޯޓު ނަގަން ބަލާއިރު މެންބަރުން ފުރައިގެން ގޮސް ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއަދު ވޯޓު މި ނުނެގުނީ ޖޭޕީޖީ (ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ) މެންބަރުންވެސް ނެތިގެން. ވޯޓަށް ނައުން ބަލައެއް ނުގަންނަން." ރޮޒައިނާ ވިދާޅުވިއެވެ.

މި ބިލުގެ އިތުރުން އެހެން ބިލުތަކަކަށްވެސް މިއަދުގެ މަޖިލީހުގެ ވޯޓަށް އަހާފައިވެއެވެ. އެހެންނަމަވެސް، އިދިކޮޅު ޕީޕީއެމްގެ މެންބަރުންނާއި ކޯލިޝަންގެ ގިނަ އަދަދެއްގެ މެންބަރުން މިއަދު ޖަލްސާއަށް ހާޟިރުވެވަޑައިނުގަންނަވާތީ ބިލުތަކަށް ވޯޓަށް އެހޭގޮތެއް ނުވިއެވެ.