ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަކީ މިހާރު 50 އިންސައްތަ ފެހިކަން ގެއްލިފައިވާ ރަށްރަށް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމެންޓް ޑރ.އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.

މުޅިރާއްޖެ ފެހިކުރުމުގެ ބޮޑު ހަރަކާތް "ރަށްފެހި" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ.ނަސީރު ވިދާޅުވީ ތިމާވެށްޓަކީ ޤައުމުގެ ތަރައްޤީއާއި ތަމައްދުން ވުމަށާއި، ރައްޔިތުންގެ ކުރިއެރުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. ރުއް ގަހަކީ ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ވަސީލަތްކަމަށާއި، ރުއްގަސް ގިނަކުރުމަށް ހާއްސަ އަހަންމިއްޔަތު ކަމެއްދޭން ޖެހޭ ކަމުގައިވެސް ޑރ ނަސީރު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަކީ 50 އިންސައްތަ ފެހިކަން ގެއްލިފައިވާ ރަށްރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަކީ ހަނަފަސްވަމުން ގޮސް މިއަދު 50 އިންސައްތައިގައިގެ އެއްވެސް ފެހިކަމެއް ނެތް ރަށްރަށް ކަމަށް ފާހަގަކުރަން ޖެހޭ"ޑރ.ނަސީރު ވިދާޅުވިއެވެ.

ޑރ.ނަސީރު ވިދާޅުވީ ބައެއް ރަށްރަށަކީ އެއްވެސް ވަރަކަށް ފެހިކަމެއް ނެތް ރަށްރަށް ކަމަށާއި އެ ރަށްރަށުގައި ރުއްގަސް އާލާކުރުމަށް އަހުލުވެރިކުރަން ޖެހޭ ކަނަށެވެ. މީގެ އިތުރުން ތިމާވެށްޓަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެއް ތަނބުކަމުގައި ޑރ. ނަސީރު ފާހަގަކުރެއްވިއެވެ.

"ތިމާވެށްޓަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެއް ތަނބު. ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަނާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި މިހުރިހާ މަޝްރޫއުތަށް ކުރިއަށް ގެންދާއިރު ތިމާވެށްޓައް ގެއްލުން ނުވާނެ ގޮތައް އެކަންކަން ގެންދަން ޖެހޭ"ޑރ. ނަސީރު ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ރުއްގަސް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން އެ ހަރަކާތް ފެށުމަށް އިއްޔަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަނީ 250 ރުއްގަސް އިންދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ ހުރިހައި ރަށެއްގައި ފެހި ދަވާދުލާ އިންޑިޔާއިން ގެނެސްގެން!

  2. ކަރާ

    ކަލޭ ދާންވީނު ރަށް ފެހިކުރަން ރަށަށް. ދެން ކިއްކުރަން އަނެއްކާވެސް ވަޒީފާއަކާ ހަވާލުވީ. ކަލޭގެ ދާއިރާއެއްވެސްނޫން. ކަލޭގެ ދާއިރާއަކީ ކަނޑުގެދާއިރާ. ދެން ކިހިނެއް އެނގޭނީ ފެހިކުރަން. ރަށަށްގޮސް ފެހިކުަރަން އަނބާ ރުއްއިންދަބަލަ. އަދިވެސް ނޭނގެ ރަުކެއްވެސް އިންދިކަމެއް. އާއިލާ އެންމެނަށް ސްޓޭޓްމިނިސްޓަރުކަން ދިނީމާ ކޮންމެވެސް އެއްޗެކޭ ކިޔަންޖެހޭނެއެއްނު. ފެންވަރެއްނެތް ފާސްނަގައިގެން ގަނަތެޅޭނީ