މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ޓަފް ކުންފުނިން ހިންގާ ބޮޑު މަޝްރޫއާ ގުޅޭ އޮޑިޓެއް ހަދަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި ރަސްދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވި ފަހުން، ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ބައެއް ކަންކަމާއި އިންސާފު ލިބެން ޖެހޭ ކަންކަމުގެ އޮޑިޓްތައް ހަދަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މާފަރު އެއާޕޯޓާއި ނަސަންދުރާ ދިން ގޮތާއި އެހެން މައްސަލަތަކެއް ވެސް ހިމެނޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަދި ބައެއް މައުލޫމާތުތައް އޮޑިޓްކޮށް ނިމިފައިވާއިރު އަދިވެސް އޮޑިޓް ކުރަން ޖެހޭ ގިނަ މައުލޫމާތު ހުރިކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ހުރިހާ ހަރަދެއް ކުރަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިންނެވެ.

ބައެއް ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި އެ މަސައްކަތް ކުރުމަށް ހަވާލުކުރި ސިންގަޕޫރުގެ ޓަފު ކުންފުނިން ވަނީ އޮޅުވާލައިގެން އެތައް މިލިއަން ޑޮލަރުގެ ފައިދާ ނަގައިފަ އެވެ. އެގޮތުން މިހާތަނަށް އައިއިރު، ޓަފުން 2.2 ކިލޯމީޓަރުގެ ދިގު ރަންވޭއެއް މާފަރުގައި ހަދައި ނިންމިޔަސް، އެ ކުންފުންޏަށް 40 މިލިއަނަށްވުރެ ގިނަ ޑޮލަރު (616 މިލިއަން ރުފިޔާ) އޭޑީއެފްޑީން ވަނީ ދީފަ އެވެ. މިއީ މަސައްކަތާއި ނުބައްދަލު އަގެއްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޓަފްކުންފުނިން މާފަރު އެއާޕޯޓުގެ މަސައްކަތްތައް ކުރީ ސަރުކާރާއި ވެފައިއޮތް އެއްބަސްވުމާއި ހިލާފަށެވެ. ސަރުކާރާއި ޓަފް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަޝްރޫއުގެ އެއްވެސް މަސައްކަތެއް ސަބް ކޮންޓްރެކްޓަރުންނާ ލައްވައި ކުރެވޭނީ ސަރުކާރުގެ ހުއްދަ ހޯދައިގެންނެވެ. ނަމަވެސް މަޝްރޫއުގެ ހުރިހާ މަސައްކަތެއް ޓަފް ކުންފުނިން ކުރީ ސަބް ކޮންޓްރެކްޓަރުން ބޭނުންކޮށްގެވެ.

މާފަރުގެ އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ހަދާ މާފަރު އެއާޕޯޓް ނިމޭއިރު، އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ އެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިއަދު

    ތިކަމަށް ކޮމިޝަނެއް ނުއުފައްދަންތަ؟

  2. ކަރާ

    މާލެ އިންބިމެއް ބައްލަވާއި ގެންފާވާތީ އޭގެ އޯޑިޓެއް ވެސް ހައްދަވާދެއްވާ. އިހްލާސްތެރި ތެދުވެރި އަދި އަމާނާތް ތެރިންގެގޮތަކީ ޢާއްމު ރައްޔިތުންނަ ނޭގުނެއް ކަމަކު ﷲ ބައްލަވާ ވޮޑިގެންވާކަން ގަބޫލުކުރާ މީހުން .

  3. ހުސޭނުބޭ

    ތި މާފަރު އެއަރޕޯޓާއި ނަސެންދުރަ އެއީ ކަލެއަށް ދިން އެއްޗެއްކަމަށްވާނަމަ ތި އޮޑިޓް އޮތީހީ ކށގަނޑުގައި!