ރާއްޖޭގައި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކުށްވެރިނުވެ، އެ މަގާމުން ވަކިވެއްޖެނަމަ، ރައްކާތެރިކަމާއި ހިމާޔަތް ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެބިލް ރައްޔިތުންގެ މަޖިލީހަށް އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް އެވެ.

ބިލްގެ ފުރަތަމަ ކިއުން އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އިއްޔެ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވާތީ ބިލްގެ މަސައްކަތް ދެން ކުރިއަށްދާނީ އަންނަ ފެބްރުއަރީ މަހު މަޖިލިސް ޖަލްސާތައް ފެށުމުންނެވެ.

ސަލީމް ވިދާޅުވީ ބިލް ހުށަހެޅުއްވީ ކުރީގެ ނައިބު ރައީސުންނަކީ އިއްޒަތާއި ގަދަރާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާ ބަޔަކަށް ވާތީ މިފަދަ ބިލެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ސަލީމް ހުށަހެޅުއްވި ބިލްގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުގެ އެންމެ މަތީވެރިޔާގެ ނައިބަށް ދޭން ޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި އިނާޔަތްތައް އެބޭފުޅުންނަށް ވެސް ލިބެން ވާނެ ކަމަށް ބުނެފައި ވެއެވެ.

ބިލްގައިވާ ގޮތުން، ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ދައުލަތުގެ ސަލާމަތީ ބާރުތައް މެދުވެރިކޮށް، ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭން ޖެހެ އެވެ.

ނަމަވެސް އެއްވެސް މާލީ އިނާޔަތެއް އެބޭފުޅުންނަށް ލިބެން ޖެހޭނެ ކަމަށް ބިލްގައި ބުނެފައެއް ނުވެއެވެ.

ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

ބިލް ފާސްވެއްޖެނަމަ އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ ޑރ. މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިއަދު

    ދީފަބަހައްޓާ ސިވިލްސާބިސްގައި މަސައްކަތްކުރާ ދައުލަތުގެ ނޯކަރުންގެ މުސާރައާއި އެލަވަންސުން 5% އުނިކޮށް ސިޔާސީ ބޭފުޅުގެ މުސާރަށް އިތުރުކޮށްއެކިއެކި އެލަވަންސް ދިނުމަކީ ފެންނަކަމެއް

  2. ނަޖްވާ

    މީ މިހާރުގެ ސަރުކާރަށް ޖެއްސުން ކުރަން ހުށަހަޅައިގެން އުޅޭ ބިލެއް!

  3. ށަރީ

    ޢެެއްވެސް ޒިންމާއެއް ނަގާބައެއްނުން ނައިބް ރައީސުންނަކީ އަދި ހުރިހާ ޒިންމާނަގަނީ އަދި ހުރިހާ މަސައްކަތެެއް ކުރަނީ ވަޒީރުން ވީމާ ވަޒީރުންނަށްވެސް ހިމާޔަތާ އިނާޔަތްދޭންވީ.