ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބު އަންނަ އޭޕްރިލް މަހުގެ 06 ވާ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހު ހުޅުވާލާނެ ކަމަށެވެ. ވަގުތީ ތާރީޚެއްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައި، އެއީ 6 އެޕްރީލް 2019 ވާ ހޮނިހިރު ދުވަސް. ޑޭޓް އަދި ފައިނަލައިޒް ނުވި ނަމަވެސް އިންތީޚާބަށް ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު މަޝްވަރާ ކުރަމުން މިދަނީ ޖަނަވަރީ މަހުގެ ފަހުކޮޅުގައި. ވަގުތީ (ޓެންޓަޓިވް) ޑޭޓެއްގެ ގޮތުގައި 28 ޖަނަވަރީ 2019 ގައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަޔިލުމުގެ ފުރުޞަތު ހުޅުވާލާނެ." ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މަޖިލިސް އިންތިޚާބަށް ބޭނުންވާ ފައިސާ ހަމަޖެހޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރުން އެ ކޮމިޝަނަށް ދީފައިވާ ކަމަށެވެ. މަޖިލިސް އިންތިޚާބަށް 89 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

"އިންތިޚާބަށް ބޭނުންވާ ފައިސާ މިހާރު ވަނީ ބަޖެޓް ކުރެވިފައި. އަދި ދާދި ފަހުން ފައިނޭންސް މިނިސްޓްރީގައި، މިނިސްޓަރާއި ކޮމިޝަނުގެ މެންބަރުން އަދި މިނިސްޓްރީގެ އިސް ބޭފުޅުންނާއެކީގައި ބޭއްވި ބައްދަލުވުމުގައިވެސް އެއްވެސް ކަހަލަ ދަތިކަމެއް ނެތި އިންތިޚާބަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވާނެކަމަށް ފައިނޭންސް މިނިސްޓްރީން ވިދާޅުވެފައިވޭ." ޝަރީފް ވިދާޅުވިއެވެ.

އީސީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ވޯޓުލާ މީހުންގެ ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް ކަމަށާއި، ލިސްޓް ފައިނަލް ކުރުމަށްތަކައި މާލެއާއި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ފިޒިކަލް ސަރވޭއެއް ކުރަންޖެހޭ ކަމަށާއި، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ބައެއް ދާއިރާތަކުގައި ޚާއްޞަކޮށް މާލެއާއި، އައްޑޫގައި ވޯޓަރސް ލިސްޓް ފައިނަލް ކުރުމަށްޓަކައި ފިޒިކަލް ސަރވޭއެއް ހަދަން އެބަޖެހޭ. ސބަބަކީ ކޮންމެވެސް ވަރެއްގެ ބޮލޮކްތަކަށް ބަދަލުތަކެއް އައިސް އަދި އިތުރު ގެތަކެއް އޭގެ ތެރެއަށް ހިމެނިފައިވާތީ." ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ޝަރީފް ވިދާޅުވީ، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވޯޓަރސް ލިސްޓް އިއުލާން ކުރައްވާނެ ކަމަށާއި، ވޯޓަރސް ލިސްޓް ޗެކް ކުރައްވައި ޞައްޚަކަން ކަށަވަރު ކުރުމުގައި އެހީތެރިވުމަކީ ޢާއްމު ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުން އަދި އެހެނިހެން ޖަމްއިއްޔާ ޖަމާއަތްތަކުގެ ފަރާތުންވެސް އެ ކޮމިޝަނުން އެދޭ އެދުމެއް ކަމަށެވެ.

"ރައްޔިތުންގެ ކިބައިން އެދޭ ކަމަކީ ވޯޓަރސް ލިސްޓް އިއުލާން ކުރުމާ އެކީގައި އޭގެ ޞައްޚަކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ މަޢުލޫމާތު ޞައްޚަތޯ ނުވަތަ ނޫންތޯ، ނުވަތަ ކަނޑައެޅިފައިވާ ދާއިރާއަކީ އެބޭފުޅާގެ ހަމަ ހަޤީގަތުގައިވެސް ދާއިމީ އެޑްރެސް އޮންނަ ދާއިރާތޯ ނޫންތޯ ބެއްލެވުމަށްފަހުގައި، ވޯޓަރސް ލިސްޓް ޞައްޚަކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަކީ، އަދި އަޅުގަނޑުމެންނަށް މަޢުލޫމާޓު ފޯރުކޮށްދިނިމަކީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް." ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 110 ދުވަހަށް ވެފައިވާއިރު، މަޖިލީހަށް ކުރިމަތިލައްވާނެކަން ގިނަ ބަޔަކު އިއުލާން ކޮށް ކެމްޕޭންވެސް ވަނީ ފަށާފައެވެ. އެގޮތުން ބަލާއިރު، ޕީޕީއެމް އިން ޕްރައިމަރީއަކާ ނުލައި 42 ދާއިރާއެއްގެ ޓިކެޓް ދީފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ މެދުތެރޭގައެވެ. މަޖިލިސް އިންތިޚާބަށް ކޯލިޝަނުން ކެންޑިޑޭޓުން ނެރުމާ މެދުގައި ޚިޔާލު ތަފާތުވެފައިވާއިރު، އިންތިޚާބުގެ ފޯރި އިންތިޚާއަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    ކިހާވަރެއް ލިބުނީ ؟ މާއަވަސް އަރުވާލައިގެން ޖީބަށް ލެވޭވަރު ބޮޑުވާނެ ތިގޮތުގަ ހިފަހައްޓާލާ ޝަރީފްގެ އަމިއްލަ ކުންފުއްޏެއް، ތެޅޭ ވައްތަރެއް ދޯ!