ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގައި، އިލެކްޝަންސް ކޮމިޝަނުން ޒަމާނުންސުރެ ގެންގުޅެމުން އައި އުޞޫލު ދޫކޮށްލައި، ބޮޑު ބަދަލެއް ގެންނަން ނިންމައިފިއެވެ.

މަޖިލިސް އިންތިޚާބާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓަރީ ކުރަންޖެހޭނީ، ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރިތަން ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން އެކަނި ކަމަށެވެ.

"ޢާއްމުން މިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވާން އެބަޖެހޭ. ވޯޓަރސް ރީ-ރަޖިސްޓްރޭޝަންގައި މިފަހަރު އަޅުގަނޑުމެން ރީ-ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލާނީ ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނަކަށް ވޯޓުލާން ރަޖިސްޓަރީ ކުރަން ބޭނުންވާނަމަ." ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ނިންމުން ނިންމެވިއިރު، ވޭތުވެދިޔަ އިންތިޚާބުތަކުގައި ރީ-ރަޖިސްޓްރީ ކުރުމަށ ދިގު މުއްދަތުތަކެއް ދިން ނަމަވެސް، ފަހު ވަގުތު ވަރަށް ދިގު ކިއުތަކެއް ހަދާއި، ބައެއް ފަހަރު ހަމަނުޖެހުން ހިނގާ ހިސާބަށްވެސް މަސްލަހަތު ގެއްލިފައި އެބަހުއްޓެވެ.

ރީ-ރަޖިސްޓްރީ ކުރަންޖެހޭ މީހުނަށް ބަދަލުތަކެއް ގެނައިއިރު، ރީ ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމަށްވެސް ވަނީ އިލެކްޝަންސް ކޮމިޝަނުން ބަދަލުތަކެއް ގެނެސްފައެވެ. އީސީން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރޭޝަނުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށްޓަކައި، މިފަހަރުގެ ވޯޓަރސް ރަޖިސްޓްރޭޝަންގެ ފޯމުގައި ވަރަށް މުހިންމު ބައިތަކެއް ހިމަނާފައިވާނެ ކަމަށެވެ.

"ވޯޓު ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތް ނޫން އެހެން ފަރާތަކުން ފޯމު ހިފައިގެން ވަޑައިގަންނަވާނަމަ އެ ފޯމަކީ ޞައްޚަ ފޯމެއް ކަމާއި، އެ ފޯމަކީ ޞައްޚަ ނޫން ފޯމެއް ކަމަށް އެއްވެސް ޝަރުއީ މަރުޚަލާއެއްގައި ނުވަތަ ތަހްޤީގީ މަރުޚަލާގައި ސާބިތުވެއްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ފޯމް ހިފައިގެން އަންނަ ފަރާތުން އަދާކުރާނެ ކަމުގެ އިޤްރާރަކާ އެކީގައި މިފަހަރު ވޯޓަރސް ރަޖިސްޓްރީ ފޯމް ބަލައިގަންނާނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވޯޓް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތް ނޫން، ފަރާތެއްގެ ފޯމު ހިފައިގެން ބައެއް ފަރާތްތަކުން އައި މައްސަލަތަކެއް ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި ޝަކުވާގެ ސިފައިގައި ހުށަހެޅިފައި އެބަހުރި ކަމަށާއި، އެކަހަލަ މައްސަލަތައް މަދުކުރުމަށްޓަކައި އަދި މުޅިން ނައްތާލުމަށްޓަކައި ވޯޓަރސް ރަޖިސްޓްރީ ފޯމްގައި އިތުރު ބައިތަކެއް ހިމަނަން ނިންމެވީ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެތައް ހާސް ފޭކް ފޯމްތައް ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ކަމަށާއި، ގިނަ އަދަދެއްގެ ފޯމް އެމްޑީޕީ އަދި ޕީޕީއެމް އިންވެސް ހުށަހެޅި ކަމަށް އޭރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަދި އެ ފޯމްތައް އީސީއަށް ހުށަހެޅި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނެކަމަށް އީސީން ކުރިން ވިދާޅުވި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކުކުޅޭ

    *** އެއުޅެނީ މިފަހަރުވެސް ކޮންމެވެސް މަކަރެއް ހަދަން. މިފަހަރުވެސް ތިކަން ކުރެވޭނީ އިންޑިއާގެ އެހީގައި އެމް7 އަށް ކަމަށް ލަފާ ކުރެވޭ. ރައްޔިތުން ކުރިޔާލާ ވިސްނާތި.

  2. ނުރަބޯ

    އަނިޔާވެރި ވަގުންގެ ބައިގަނޑެއް ތިޔައީ ހަމަޔާ އިންސާފުން ކަލޯމެން ނަށް އެއްކަމެއްވެސް ނުކުރެވޭނެ. މަނީ މަނީ މަނީ ޔޭސް ސަރ.

  3. ޑެއިލް

    ފީޗާއެއްލާން 10 މިލިޔަން ހަރަދުކޮށްފަ ނުފެންނަ ފީޗާއެއް އިންނާނީ. އެއްގޮތެއް ހަދައިގެންވެސް ހަމަ ނުފެންނާނީ. ލާރިކެވޭނެ ހެސްކިޔާފަ.މިފަހަރުވެސް މަކަރެއް ހަދާނެ. އެމްޑީޕީ ކުދިން އެންމެކުރިން ޝައްކު އުފައްދާނީ.

  4. ބޮއްބޮ

    ކަލޭމެންގެ އިތުބާރު ގެއްލިއްޖެއެވެ. މިހާރު މިގައުމުގައި މިއޮތީ މުޅިން އައުފާޑެއްގެ ނިޒާމެކެވެ. އެއީ ރައްޔިތުންގެ ރުހުންހޯދަން ވޯަޓު ލާފަމެ ކަންނިންމަނީ އީސީ އާއި ސުޕާރީ ކޯޓު ގުޅިގެން އެއްމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ނިންމާލާ އުސޫލުންނެވެ.

  5. ޖޮއްބެ

    ކަލޭމެންނަށްވުރެ ޕްރޮފެޝަނަލް ވަގުންގެ ބަޔަކު މިހާތަނަށް އަދި މި ދުނިޔެއިންވެސް ނުދެކެމެވެ. އެހެންނާ ފަހެ ކަލޭމެން ފައިސާ އަށް ވަގަށް ނަގައިދިނީ ބަޔަކު ދިރިއުޅެއުޅެ ތިބި ބޮޑު ގައުމެކެވެ.

  6. ތިމަރަތަލަ

    ހޮހޮހޮހޮހޯ ތިޔަބައިގަނޑު ތިޔަތަނުން ބޭރު ނުކުރާހާ ހިނދަކު މަށެއް، މަގޭ ޢާއިލާއެއް، ކީއްކުރަން ދެކެފަރިތަ ރައްޓެއްސެއްވެސް ދެނެއް ވޯޓެއް ނުލާނެ.

  7. ޗޯޅޭ

    ލާދީނިއްޔަތާ އަޅުވެތިކަމުގެ ތެރެއަށް މަދުފައިސާކޮޅަކަށްޓަކައި މިގައުމު ފުރޮޅާލީ ކަލޭމެން. ދެން މިއަދު ސެކިޔުރިޓީ ވަރުގަދަކުރަނިއްޔޭ ކިޔައިގެން ކޮން އަނގައެއް ތިޔައަރުވަނީ އޭނ.....؟؟؟ ކަލޭމެން ކުރި ބޮޑުކުށަކީ ދުވަހަކުވެސް ދިވެހިން މަޢާފްކުރާނެ ކުށެއްނޫން.