އަންނަ އޭޕްރިލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައެއް ދާއިރާތަކުގެ ބައުންޑަރީތަކަށް ބަދަލު އަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މިހާރު އެ ކޮމިޝަނުން މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ އިންތިޚާބީ ދާއިރާތައް ފައިނަލައިޒް ކުރުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި މިފަހަރު އަންނަ ބަދަލުތަކުގެ ތެރޭގައި ކުރިންވެސް އިއުލާން ކުރައްވާފައިވާ 2 ދާއިރާ އިތުރު ކުރުމުގެ އިތުރުން މާލެއާއި، ލ އތޮޅުގެ ބައެއް ދާއިރާތަކަށް ބަދަލު އަންނާނެއެވެ.

"މީގެ ކުރިން އަޅުގަނޑުމެން އިއުލާން ކޮށްފައިވާނެ މަލެއަށް ދެ ދާއިރާއެއް އިތުރުވާކަމަށް. އަދި މާލޭގެ މައްޗަންގޯޅީގެ ތިން ދާއިރާއަކަށާއި، ހެންވޭރުގެ ދާއިރާތަކަށް ފިޔަވާ ދާއިރާތަކުގެ ބައުންޑަރީސްތަކަށް އެއްވެސް ބަދަލެއް ނާދޭ. އަދި މީގެ އިތުރަށް ލާމު އަތޮޅު ގަމުގެ ދާއިރާގެ ބައުންޑަރީއަށް ކޮންމެސް ވަރެއްގެ ބަދަލެއް އެބަ އާދޭ." ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ، މި ހަފްތާ ތެރޭގައި އިންތިޚާބީ ދާއިރާތަކުގެ ބައުންޑަރީސްތައް ފައިނަލައިޒްކޮށް، ޢާއްމުކޮށް އިއުލާން ކުރައްވާނެ ކަމަށެވެ.

އީސީން ވިދާޅުވީ، ވޯޓަރސް ލިސްޓް ފައިނަލް ކުރުމަށްޓަކައި މާލެއާއި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ފިޒިކަލް ސަރވޭއެއް ކުރަންޖެހޭ ކަމަށާއި، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މާލެއާއި އައްޑޫގެ ބައެއް ދާއިރާތަށް ހިމެނޭއިރު، އެ ސަރވޭއަކީ އެ ތަންތަނުގެ ބޮލޮކްތަކަށާއި، ގެތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކުރެވޭ ސަރވޭއެކެވެ.

މަޖިލިސް އިންތިޚާބަށް 110 ދުވަހަށް ވެފައިވާއިރު، ބައެއް ދާއިރާތަކާ ގުޅޭގޮތުން ޢާއްމު ފަރާތަކުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ. އެއީ އައްޑޫ އަތޮޅުގެ މަރަދޫ ފޭދޫ ވަކި ދާއިރާއަކަށް ކަނޑައެޅުމާއި، މީދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، އެ މައްސަލައިގައި މާދަމާގެ ކުރިން އީސީން ޖަވާބުދާރީ ވާންޖެހޭނެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަން ނިންމަވާފައިވާއިރު، ކުރީގެ ރައީސް ޔާމީންވެސް ވާދަކުރައްވާނެކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. މަޖިލިސް އިންތިޚާބުގައި އެމްޑީޕީ، ޖޭޕީ އަދި އެހެނިހެން ސިޔާސީ ވެރިންވެސް ވާދަކުރާނެ ކަމަށް ބެލެވިފައިވާއިރު، އިންތިޚާބު ވެގެންދާނީ ވާދަވެރި އިންތިޚާބަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތެދު

    ތިއަށް ކިޔަނީ ޖެރީމޭންޑަރިން.. އެމެރިކާގައިވެސް ޓްރަމްޕްގެ ޕާޓީން ތިކަން ކޮށްގެން އެބައުޅޭ. ގިނައިން ވޯޓު ލިބުނީ ޑިމޮކްރެޓުންނަށް އެކަމަކު ގިނަ ގޮނޑި ޖެރީމޭންޑަރ ކޮށްގެން ލިބިފަ އޮތީ ރިޕަބްލިކަނުންނަށް. ރައްޔިތުން ވޯޓު ލުމުގެ ކުރިން އެމީހުންގެ ބާރު ކަނޑުވާލަން ކުރާ ކަމެއް ތީ. ޝަރީފުއަށް މިއަދު ބޭނުންހާ ގޮތަކަށް ކުޅެވިދާނެ. އަދި އެހެން ދުވަހެއް އޮތްކަން ހަނދާން ކޮށްދެން.

  2. ޖަރީމާ ބައްޕަ

    ޖަރީމާ އެއް ހިންގަނީ

  3. އިސްތިއުފާ

    ބަލަގަ މިހިރަ އިސސސސ ޝަރީފުުު.ކަލޭ ވެއްޖެނު މިހާރު އިސްތިއުފާދީފަ ގޭގަ މަޑުކޮށްލަން.އިންތިޚާބާއި ،ގާނޫނާއި ޚިލާފަށް އަހަރެމެންގެ ވޮޓޫ އޮޅުވާލީ ކަމުގެ އޯޑިއޯ ލީކްވީމަވެސް ،ތިމާގެ ފެންވަރެއްނެތްކަން އެގުނީމަވެސް މަ ބޮޑުވެފަ ކިހާދުވަހަކު އިދެވޭނެބާ؟އިންތިޚަބު އެޕްރީލްގަ އަދި ދާއިރާތަކެއް ފައިނަލް ނުޥޭ.ޗޮއްބަރި

  4. ނަދީ

    އެމްޑީޕީ އެދޭގޮތަށް ދާއިރާތައް ބަދަލުކޮށް ތީ އަޅެ ފަހެ މިހާރު އެމްޑީޕީގެ ގޮތްޕެއްތައް؟

  5. ސައްތާރު

    އީސީ ވަގު ޝަރީފޫޫޫޫޫޫ ކަލޭގެ ނިމުން ވަރަށް ހިތިވާނެ!