ފަނޑިޔާރު އަބްދުﷲ އަރީފް - ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ދެން ބަލަހައްޓާނީ ފަނޑިޔާރު އަބްދުﷲ އަރީފް ކަމަށް އެ ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުގެ މަސްއޫލިއްޔަތު ތަކުން ސަސްޕެންޑްކޮށް ވަޒީފާއަށް ނުނިކުތުމަށް ޖޭއެސްސީން އަންގާފައިވާތީ މިއަދު ފެށިގެން އެ ކޯޓަށާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާ ސިޓީ އެޑްރެސްކުރަން ވަނީ ފަނޑިޔާރު އަބްދުﷲ އަރީފަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އުއްތަމަ ފަނޑިޔާރު ކަމަށާއި އަދި އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭ ނަމަ ދެން ރިޔާސަތު ބަލަހައްޓާނީ ދެން ޖެހިގެން ހުންނަ ސީނިއާ ފަނޑިޔާރެއް ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާކަން މި ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސަސްޕެންޑްކޮށްފައިވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ފުލުހުންގެ ހައްޔަރުގައެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ހައްޔަރުކުރީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ޙުކުމްތައް ވަކިގޮތަކަށް ކުރުމުގެ ތުހުމަތުގައި ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް، ޤާނޫނާއި ޚިލާފަށް ބަދަލު ކުރުން އުޅުމާއި، ދަޢުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާޢީ އަދުލުގެ ނިޒާމް ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތުވެސް ކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް "އާދަޔާއި ޚިލާފު" އަމުރެއް ނެރެފައި ވަނިކޮށެވެ. އެ އަމުރުގައި ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީންތަކެއް ވަގުތުން މިނިވަން ކުރުމަށް އަންގާފައިވާއިރު، ޤައުމުގެ ހަމަޖެހުމަށް ހުރަސް އެޅޭ އެތައް ކަމެއް އަމުރާއި ގުޅިފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު