މ. ނަލަހިޔާ ކައިރީގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކަށް އަނިޔާވި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ސީރިޔަސް ގޮތެއްގައި ތަހުގީގު ކުރަމުންދާ މި މައްސަލައިގެ ތަހުގީގު ފެށިފައިވާކަމުގައެވެ.

"ހިނގަމުން ދިޔަ އަށް އަހަރުގެ ކުއްޖެއްހެ ގަޔަށް، ކޮންސްޓްރަކްޝަން ސައިޓް އަކުން ސިމެންތި ބަސްތާއެއް ވެއްޓުނު މައްސަލަ، ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ވަނީ ފެށިފައި." ފުލުހުން ވިދާޅުވިއެވެ.

ކުރިން ފުލުހުން ވިދާޅުވެފައިވަނީ މިކަން ފުލުހުންނަށް ރިޕޯޓު ކުރިކަމަށެވެ. އެގޮތުން، މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 10:45 ގައިކަމަށް އެފަރާތުން ވިދާޅުވިއެވެ.

ފުލުހުންވެސް މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ވިދާޅުވިއިރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެފައިވަނީ އެފަރާތުންވެސް މި މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށެވެ.

މި ޙާދިސާގައި އަނިޔާވެފައިވާ ކުއްޖާއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. އެކުއްޖާގެ އޮޕަރޭޝަނެއް ކޮށްފައިވީނަމަވެސް، އޮޕަރޭޝަނަށްފަހުވެސް ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.