މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ މަތިން މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާގެ އިތުރު އޮޕަރޭޝަނެއް ރޭ މެންދަމު ވެސް ކޮށްފައިވާ ކަމަށް ކުއްޖާގެ އާއިލާ އާއި ގުޅުން އޮންނަ ފަރާތަކުން ކަށަވަރު ކޮށްދީފިއެވެ.

ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެކުއްޖާގެ މަންމަ އަކީ ރާއްޖޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރެކެވެ. ކުއްޖާ މާލެ އައިސް އުޅުނީ ޗުއްޓީއަކަށެވެ.

ކުއްޖާގެ ހާލަތު އެނގޭ މީހަކު މައުލޫމާތު ދެމުން ބުނީ އިއްޔެ ކުރި ހަ ގަޑިއިރު އޮޕަރޭޝަން ކުރުމަށްފަހު ރޭ މެންދަމު އިތުރު އޮޕަރޭޝަނެއް ވަނީ ކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. އެ އޮޕަރޭޝަން އަށް ވެސް އެއް ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ކަމަށް މައުލޫމަތު ދިން މީހާ ބުންޏެވެ.

ސިމެންތި ބަސްތާ ވެއްޓުނު ހާދިސާ އާއި ގުޅިގެން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހާދިސާ ހިނގި ސައިޓްގައި މަސައްކަތް ކުރި ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުއްދަތައް ބާތިލްކޮށް އެކުންފުނީގެ މަސައްކަތްތައް ވަނީ ހުއްޓުވާފައެވެ.

ފުލުހުން ވެސް ގެންދަނީ މިހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްޤީޤު ކުރަމުންނެވެ.

އިއްޔެ ހިނގި ސިމެންތި ބަސްތާ ވެއްޓުމުގެ ހާދިސާ އާއި ގުޅިގެން މާލޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓްތަކެއްގެ ސަލާމަތީ ކަންތައްތައް ބެލުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ.