ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމަށްޓަކައި އިންތިޚާބީ ދާއިރާތައް ބަހާލާއިރު، ދަފްތަރުގައި ޖެހުނު ކަމަށް ބަލާނީ، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އެފަރާތެއްގެ އެޑްރެސް ބަދަލުކޮށް އައިޑީ ކާޑު ދޫކޮށްފައިވާ ފަރާތްތައް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ދަފްތަރުގެ މައްސަލައަކީ ރިޔާސީ އިންތިޚާބަށްވުރެވެސް މަޖިލިސް އިންތިޚާބުގައި ޢާއްމު ރައްޔިތުން ކަންބޮޑުވާނެ މައްސަލައެއް ކަމަށެވެ.

"ވޯޓުލުމަށްޓަކައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަން އެބަޖެހޭ. އެހެންވީމަ ވޯޓަރސް ރަޖިސްޓަރީގައި އެމީހަކު ރަޖިސްޓަރީ ވާނީ ނުވަތަ އެމީހަކު އެ އިންތިޚާބީ ދާއިރާއަކަށް ކަނޑައެޅޭނީ އެމީހަކު ޑީއެންއާރުގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ އިންތިޚާބީ ދާއިރާއަކަށް. ދަފްތަރުގައި ރަޖިސްޓްރީވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަލާނީ ޑީއެންއާރުން އައިޑީކާޑު ދޫކުރާ ހިސާބުން ފެށިގެން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވިއިރު، ހައުސިންގ މިނިސްޓްރީން ބަލަހައްޓަމުން އައި ދަފްތަރުގައި 11000 އަށްވުރެ ގިނަ ރައްޔިތުން ރަޖިސްޓަރީ ވެފައިވާއިރު، ޑީއެންއާރުގައި އޮންނަ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވަނީ 7000 އާއި 8000 އާއި ދެމެދުގެ ރައްޔިތުންނެވެ. މިކަމަށް ހައްލެއް ނުހޯދާ ވޯޓުލައިފިނަމަ 4000 އަށްވުރެ ގިނަ ރައްޔިތުންގެ ވޯޓުލުމުގެ ހައްޤަށް އުނިކަން އަންނާނެކަމަށް ބެލެވެއެވެ.

ޝަރީފް ވިދާޅުވީ، މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް މާލޭގެ އިންތިޚާބީ ދާއިރާތަކަށް ހަމަހަމައަށް ބަހާލުމުގެ ބަދަލުގައި މަސައްކަތް ކުރައްވަނީ ވޯޓުލާ މީހުންގެ އަދަދު މާލޭގެ ދާއިރާތަކުގެ ވީހާވެސް ހަމަހަމަ ކުރުމަށް ކަމަށެވެ.

"އާބާދީތައް ބަލާލާއިރު، ބައެއް އިންތިޚާބީ ދާއިރާތަކަށް ދަފްތަރުގައި ހިމެނޭ އަދަދު ތަފާތުވުން އެކަށީގެންވޭ. އެކަމު ޖުމްލަ ހުރިހާ އިންތިޚާބީ ދާއިރާގެ އާބާދީ ވީހާވެސް ކައިރި ކައިރީގައި ބެހެއްޓުން އެއީ ކޮމިޝަނުގެ މައިގަނޑު ވިސްނުން. އިންތިޚާބީ ދާއިރާތަށް އިއުލާން ކުރާއިރުގައި ދާއިރާތަކުގެ ދަފްތަރު ނުލައި، ދެން ތިއްބެވި އާބާދީގެ ތެރެއިން ހުރިހާ އާބާދީ އެވްރެޖްކޮށް ހަމަހަމަވާ ގޮތަކަށް ދަފްތަރު ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް މާލޭގެ ހުރިހާ އިންތިޚާބީ ދާއިރާތަކަކަށް ބަހާލާނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ވަކި ތާރީޚަކަށްފަހުގައި ދާއިމީ އެޑްރެސް ބަދަލުވާ ފަރާތްތަކަށް މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ގެއްލިގެންދާނެކަން އާއްމުކޮށް އިއުލާން ކުރައްވާނެ ކަމަށާއި، އެކަމުގެ މަޝްވަރާތައް އިލެކްޝަންސް ކޮމިޝަނުގައި ކުރެވެމުންދާ ކަމަށެވެ.

"އެ ތާރީޚަށްފަހުގައި (ތާރީޚް އަދި ކަނޑައަޅާފައި ނުވޭ) ދަފްތަރުގެ ރަޖިސްޓަރީގައި ނުވަތަ ޑީއެންއާރުގެ ރަޖިސްޓްރީގައި ރަޖިސްޓަރީވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ގެއްލިގެންދާނެ." ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓަރސް ރަޖިސްޓްރީ އެކުލަވާލާއިރު ބައްލަވާނީ، ޑީއެންއާރުގައި އޮންނަ ދަފްތަރު ރަޖިސްޓަރީއަށް ކަމަށް އީސީން ވިދާޅުވިއިރު، ފްލެޓް ހޯދުމުގެ ބޭނުމުގައި ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު މާލޭ ޚާއްޞަ ދަފްތަރުގައި ރަޖިސްޓަރީވެފައިވާޚަން ފާހަގަކޮށްލެވެއެވެ.

ކުރިން ހައުސިންގ މިނިސްޓްރީން ބެހެއްޓި އެ ދަފްތަރު މިހާރު ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. އެހެންކަމުން އެ ދަފްތަރުގެ މައްސަލަ ހައްލު ކުރުމަކީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ.

2019 އޭޕްރިލް 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޯޕް ލައިޓް ބްރަދަރ

    ދަފުތަރުގައިޖެހުނުކަމަށް ބަލާނީ ވޯޓުއޮޅުވާ ލެވޭނެ މިންވަރަށް ކަންކަން އޮޅުވާލެވޭނެ މިން ވަރަށް ކަންކަން ރެޑީވުމުން.

  2. ޙަލާމް

    ޢެންޑީޕީ އިންމަޖިލީސްއަށް ކުރިމަތީ ލީ ބައެއްމީހުންޕްރައިމަރީ ކާމިޔާބު ކުރަންމީހުންނަށް ނޭނގި ޕާޓީއަށް ވައްދަން ފޯމު ފުރަޢިގެންލައިފަ އެބަހުރި މިކަންބެލެންޖެހޭ.

  3. ރައްޔިތު

    ދަފުތަރު ކަންތަކުގައި އިލެކްޝަނުން ކޮންމެ ގޮތަކަށް ނިންމިޔަސް އެކަން ވާންވާނީ ދަފުތަރު މީހުނަށް ފަސޭހައިން އޮޅުންފިލާނެ ދާއިމީ ހައްލަކަށެވެ. ކޮންމެ އިންތިހާބެއްގައި ބަދަލުގެނައިމާ ވަރަށް އުނދަގޫވާނެ އެވެ. އެއް ހައްލަކީ ދަފުތަރަކީ ދާއިރާއަކަށް ހެދުމެވެ. ނޫނީ ދާއިމީގޮތެއްގައި ދާއިރާ ކަނޑައެޅުން ދަފުތަރު މީހުނަށް ހުޅުވާލުމެވެ. އޭރުން ހުރިހާ އިންތިހާބެއްގައިވެސް ވޯޓުލާންޖެހޭނީ ކޮންދާއިރާއަކަށްކަން އެގޭނެ އެވެ. ކުއްޔަށް އުޅޭއިރު އަބަދު އެއްތާކު ނުތިބޭނެއެވެ. ހައުސިންގ ވައުދު ފުއްދައިފިނަމަ ތިކަންވެސް ހައްލުވީއެވެ.

  4. ދަފުތަރު

    ތީކޮންވާހަކައެއްތަ؟ އީ.ސީ.ސީން ބަލާބަލަ މައުމޫނު ރިފޯރމު މޫވްމަންޓަކީ، ތިތަނުގައި ރަޖިސްޓްރީ ކޮށްފައިއޮތް ސިޔާސީ ޕާޓީއެއްތޯ؟ މައުމޫނު ރިފޯމް މޫވްމަންޓުގެ ހައިސިއްޔަތަކީ ކޮބާ؟ ކޮންމެމީހަކަށްވެސް މިކަހަލަ ރިފޯރމް މޫވްމަންޓް ހަދައިގެން ސިޔާސީ ގޭސްގަނޑު އެނބުރޭނެތަ؟ ޖަވާބުދީބަލަ!