ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާންތަކާ ގުޅިގެން، ދެ ކެންޑިޑޭޓުންނާވެސް ސުވާލުކުރަން ތައްޔާރުވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންވެސް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ދެ ކެންޑިޑޭޓުން ހުށަހެޅުއްވި މާލީ ބަޔާންތައް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެ ބަޔާންތަކާ ގުޅިގެން ރައީސް އިބްރާޙީމް މުޙައްމަދު ޞޯލިޙް އަދި ކުރީގެ ރައީސް ޔާމީންއާ ވެސް ސުވާލު ކުރަންޖެހޭ ކަމަށެވެ.

"އެންމެ ފަހުން އަޅުގަނޑުމެންގެ ޓީމުން ދިރާސާ ކޮށްފައި، ދެ ކެންޑިޑޭޓުންނާވެސް، ދެ ކެންޑިޑޭޓުންގެ މަންދޫބުންނާވެސް ކުރަންޖެހޭ ބައެއް ސުވާލުތަކެއް އެބަހުރިކަން ފާހަގަ ކޮށްފައި އެބައޮތް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މި ހަފްތާ ތެރޭގައި މާލީ ބަޔާންތައް އިތުރަށް ދިރާސާ ކުރުމަށްޓަކައި، އެފަރާތްތަކުން ބޭނުންވާ މަޢުލޫމާތުތައް ކެންޑިޑޭޓުންގެ އެޖެންޓުންނާ ވާހަކަ ދައްކައިގެން އަދި އޮޑިޓަރުންނާ ވާހަކަ ދައްކައިގެން ހޯދަމުންދާނެ ކަމަށެވެ. އަދި ނިމުނުހާ އަވަހަކަށް މާލީ ބަޔާންތައް ޢާއްމު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޔަޤީން ކުރައްވާ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދިރާސާކޮށް ނިންމުމަށްފަހު ދެ ކެންޑިޑޭޓުންގެވެސް މާލީ ބަޔާން ޤާނޫނުގައި ވާފަދައިން، ޢާއްމު ރައްޔިތުންނަށް ފެންނާނެ ކަހަލަ ގޮތަކަށް، ބޭނުންފުޅު އިރެއްގައި ބެއްލެވޭނެ ކަހަލަ ގޮތަކަށް މާލީ ބަޔާން ޝާއިއު ކުރާނަން." ޝަރީފް ވިދާޅުވިއެވެ.

މާލީ ބަޔާންތައް ދިރާސާ ކުރަމުން ދާތީވެ، ކެމްޕޭނަށް ޚަރަދު ކުރި ފައިސާގެ ވަކި އަދަދެއް މިހާރު ދަންނަވާލަން ދަތި ކަމަށާއި، ނަމަވެސް މާލީ ބަޔާންތަކުން ފެންނަން އޮތް ގޮތުގައި ދެ ކެންޑިޑޭޓުންވެސް ޚަރަދު ކުރައްވާފައިވަނީ ދާދި ހަމަހަމަ އަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭނެ ވަކި އަދަދުތަކެއް ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމަށާއި، އެ އަދަދުތަކަށްވުރެ އިތުރަށް ޚަރަދު ކުރައްވާފައި ނުވާހާ ހިނދަކު އެ ފައިސާ އައީ ކިހިނެތް ހޯދި ފައިސާއެއްކަން ނުވަތަ އެއީ ޞައްޚަ ފައިސާތޯ ނުވަތަ ނޫންތޯ ބެލުމަކީ އީސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭނެ ކަންކަމެއް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެއީ ޞައްޚަ ފައިސާކަން އަޅުގަނޑުމެންނަކަށް ވެރިފައި އެއް ނުކުރެވޭނެ. އަޅުގަނޑުމެން މީ ތަހްޤީގު ކުރަނީކީ ނޫން. އަޅުގަނޑުމެންނަށް މާލީ ބަޔާނުގައި އޮޑިޓަރުގެ ރިޕޯޓް އެބަ ހިމެނޭ. އަޅުގަނޑުމެން ބެލުމަށް ޤާނޫނުގައި އެބުނާ ކަންތައްތައް އަޅުގަނޑުމެން ބަލާނީ." ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭ މައްސަލައެއްގެ ތަހްޤީގަށް ކެންޑިޑޭޓުންގެ މާލީ ބަޔާންތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވެގެން ރިކުއެސްޓް ކޮށްފިނަ، ތަހްޤީގަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ މަޢުލޫމާތުތައް އެފަރާތްތަކަށް ހާމަކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ދެ ކެނޑިޑޭޓުންގެވެސްއެޖެންޓަކީ ސަރީފު

  2. އަލީ

    ވަގުވޯޓް ސަރީއާ ސުވާކުރުންރަގަޅު ކަރުދާސްތައް ނައްތާލީ ކީއްވެތޯ!

  3. ބިއާއި

    ތާޒާ ފެން ބޯން ލިބުނީ ކުއްލި ގޮތަކަށް ވީޔާ!

  4. ޙައްވަ

    ޢޭސީސީގެ ދައުރު އެންމެ ފުރިހަމައަށް ވަކިކޮޅަކަށް ނުޖެހި އަދާކުރާނެކަމަށް އުއްމީދުކުރަން.

  5. އިހްސަން

    ސުވާލުކުރެޭ

  6. ކެޔޮޅު

    ތިޔާވާ ތެދެއް ދޮތަ. ދެކޮޅުންކާ.

  7. ތިމަރަތަލަ

    ވޯޓުވަގު ބައިގަނޑު ލައްވާ ކުރާ އެއްވެސް ކަމެއް ބަލައެއް ނުގަނެވޭނެ.