ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ޤާނޫނުން ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް ފައިސާ ހިފެހެއްޓިފައި އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވަގުތު" އިން ކުރި ސުވާލަކާ ގުޅިގެން އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ޕީޕީއެމް އަށްވެސް ބައެއް ފައިސާ ދީފައިވާނެ ކަމަށާއި، އަދި އެހެން ޕާޓީތަކަށް ލިބެންޖެހޭ ފައިސާތައް ދޫކޮށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރީ ދެބުރެއްގެ މަތިން. އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބުގެ ކުރިން ފައިނޭންސް މިނިސްޓްރީން ދޫކުރި ފައިސާ ޕާޓީތަކަށް އެ އިންނަ ނިސްބަތުން ބަހާލާފައިވާނެ. ރިޔާސީ އިންތިޚާބުގެ ފަހުން ލިބުނު ފައިސާވެސް ވާނީ މިހާރު ޕާޓީތަކަށް މިހާރު ވަނީ އަޅުގަނޑުމެން ފޮނުވާފައި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕާ މެދުގައި ސުވާލު އުފެދިފައިވާތީ، އެ ޕާޓީއަށް ލިބެންޖެހޭ ފައިސާ ދެން ހަވާލު ކުރެވޭނީ އެ ޕާޓީގެ ލީޑަރޝިޕާ މެދުގައި ކޯޓުގައި އޮތް މައްސަލަތައް ނިމުމުންކަން ޕީޕީއެމް އަށް އަންގާފައިވާނެ ކަމަށެވެ.

"ކަންދިމާވިގޮތުން އޭތުގައި ޕީޕީއެމްގެ ލީޑަރޝިޕާ ދޭތެރޭގައި ސިވިލް ކޯޓުގައި މައްސަލައަކާއި އަދި އެނޫންވެސް ބައެއް މައްސަލަތައް އުފެދިފައި އޮތުމާއެކީގައި އެ ޕާޓީއަށްވެސް ވާނީ އަންގާފައި، އެ މައްސަލަ ކޯޓުން ވަކި ގޮތެއް ނިންމުމަށް ފަހުގައޭ އަޅުގަނޑުމެން އެ ފައިސާ ދޫކުރާނީ. އެހެންވީމަ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާތަކުގެ ތެރެއިން ޕީޕީއެމް އަށް ދޫކުރަންޖެހޭ ބައެއް ފައިސާ އިލެކްޝަންސް ކޮމިޝަނުގައި އަދި ހިފެހެއްޓިފައި އެބައޮތް." ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމް އަށް ދޭންޖެހޭ ފައިސާ ހިފެހެއްޓިފައި އިލެކްޝަންސް ކޮމިޝަނުގައި ހުރިކަމަށް އެ ކޮމިޝަނުން ވިދާޅުވިއިރު، ޕީޕީއެމްގެ ލީޑަރޝިޕް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް އީސީން ވަނީ އެ ހުކުމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައެވެ.

ޕީޕީއެމް އިން ކެންޕޭން ތެރޭގައި މޯލްޑިވިއަންގައި ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެ ފައިސާ ހޯދަން ޕީޕީއެމް އާ ދެކޮޅަށް މޯލްޑިވިއަން އިން ކޯޓަށް ދިއުމަށް ނިންމާފައިވާއިރު، ޕީޕީއެމް އިން ބުނެފައިވަނީ އެ ފައިސާ ނުދެއްކިގެން އުޅެނީ ލިބެންޖެހޭ އެތައް މިލިއަން ފައިސާ އީސީން ދީފައި ނުވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދުﷲ

    ޕީޕީއެމް އަށް ނުލިބިވާ ފައިސާގެ ސަބަބުން ފައިސާނުދެއްކި އަރަމުންދާޖޫރިމަނާ ދައްކަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން.

  2. އަނީސް

    ޕީޕީއެމް ލީޑަރޝިޕްއާ މެދު އިލެކްޝަންސް އަށް ސުވާލު އުފެދުނަސް ޕާޓީ ހިނގަން ޖެހޭނެ.

  3. ޙަސަން އަޙުމަދު

    ޕީ.ޕީ.އެމް އަށް ލިބެންޖެހޭ ފައިސާ ނުދީ ހިފެހެއްޓީމާ ތިމަރަ ޝަރީފު ހިންގި ނުބައި ޖަރީމާ އެއީ ނުހިންގާ އެއްޗަކަށް ވޭބާ؟

  4. ފާތުމަ

    ހިފަހައްޓައިގެން ތިބެގަ......

  5. Miadhu

    ޕާޓީތަކާއިބެހޭޤާނޫނުގައި އޮވޭތަ ލީޑަރޝިޕާއިމެދު ސުވާލުއުފެދިއްޖެނަމަ ފައިސާ ދޫނުކުރުމަށް ޕީޕީ އެމްގެފައިސާ ހިފަހައްޓާ ދަރުވަމުން ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ ޝަރީފް