މި ފަނާކުރަނިވި ދުނިޔޭގައި އިންސާނާއަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އީމާންކަމުގެ ނޫރުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ހުތުބާގައި ބުނީ އީމާންކަމުގެ ނޫރުގެ އިތުރުން އިންސާނާއަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމުގެ ހެޔޮ ނަސީބު ކަމަށެވެ.

"މި ދުނިޔެ މަތީގައި އިންސާނާއަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އީމާންކަމުގެ ނޫރެވެ. މާތްﷲގެ އިލާހުވަންތަކަމާއި އެއްކައުވަންތަކަން ޤަބޫލުކުރުމުގެ ހެޔޮ ނަސީބެވެ. އެއަށްފަހު އިންސާނާއަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަމުގައި ރަސޫލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޡް ކުރައްވާފައިވަނީ ސިއްހަތު ސަލާމަތުން ހުރުމެވެ. ހަށިގަނޑުގެ ބާރު ފުރިހަމައަށް ހުރުމެވެ." ހުތުބާގައި ބުނެފައިވެއެވެ.

އަދި ހުސްވަގުތަކީ އިންސާނާ އެންމެ ބޮޑަށް ކަންނެތްކުރުވާ އިންސާނާއަށް ދެއްވާފައިވާ ދުޅަހެޔޮކަން ނަގައިލުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާ ކަންތައް ކަމުގައިވެސް ހުތުބާގައިވަނީ ބުނެފައެވެ.

މާތް ނަބިއްޔާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޡްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ފަސްކަމެއް ނެތިވެދިޔުމުގެ ކުރިން ފަސްކަމެއް ލިބިގަންނާށެވެ! މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ލިބިގަންނާށެވެ! ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ލިބިގަންނާށެވެ! އަވަދިނެތިވެ އުޅުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ލިބިގަންނާށެވެ! ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ލިބިގަންނާށެވެ! މަރުވުމުގެ ކުރިން ހަޔާތުގެ ފައިދާ ލިބިގަންނާށެވެ!"

މީގެ އިތުރުން ހުސްވަގުތު ހޭދަކުރުމުގައި އިންސާނާ ފަރުވާކުޑަކޮށްފި ނަމަ ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ނުވަތަ ހިއްސީ ގޮތުން ކަންނެތް ކަމުގެ ޝިކާރައަކަށް އެމީހަކު ވެގެން ހިނގައިދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

"ލޮބުވެތި ޒުވާނުންނޭވެ! ތިޔައީ އުއްމަތުގެ ތަނބުތަކެވެ. ތިޔައީ އުއްމަތުގެ އެންމެ އަގުބޮޑު ރައުސްމާލެވެ. މި އުއްމަތް ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ ބޮޑު ޒިންމާއެއް އެބައެއްގެ ކޮނޑުގައި އެޅުވިފައިވާ ބަޔަކީ ތިޔައީއެވެ. ތިޔަ ޒުވާނުންގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުން ހިފާށެވެ! ބޭކާރު ގޮތުގައި ވަގުތުތައް ނަގާނުލާށެވެ! ޒިންމާތައް ފުރިހަމައަށް އަދާކުރާށެވެ!،" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ހުކުރު ހުތުބާގައި ވަނީ މިއީ ޗުއްޓީ ދުވަސްވަރަށް ވުމާއެކު މި ދުވަސްތަކުގައި ފައިދާ ކުރަނިވި ކޮންމެވެސް ކަމެއް ކުރުމަށް ޒުވާނުންނަށް ވަސިއްޔަތްކޮށްފައެވެ.

"ޝައިތާނާގެ ގޮވާލުންތަކުގެ ތެރޭގައި ހިމެނޭ ހަވާ ނަފްސުގެ ނުބައި އެދުންތަކަށް ހެއްލިގެން ބޭކާރު ކަންތައްތަކާއި ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ނަގާލުމުގެ ބަދަލުގައި އިސްލާމްދީން ހުއްދަކުރާ އަދި ދުންޔަވީ ގޮތުން ފައިދާ ކުރަނިވި ކޮންމެވެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ނަސޭހަތްތެރިވަމެވެ..،" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުތުބާ ނިންމާލަމުން ވަނީ ހެޔޮލަފާ ރަހުމަތްތެރި އިހްތިޔާތްކުރުމަށާއި ހެޔޮކަންކަމުގައި ޝާމިލްވުމަށް އެންމެހާ މުސްލުމުންނަށް ވަސިއްޔަތް ކޮށްފައެވެ.