ދިވެހިރާއްޖެއަކީ ތާރީޙީ އެތަކެއް ކަމެއް ހިނގައިފައިވާ ޤައުމެކެވެ. އަދި ރާއްޖެއަކީ ފްލޯކް ނުވަތަ "ތޯތޯ" އެތަކެއް ވާހަކައެއް ފެތުރިފައިވާ ޤައުމެކެވެ.

"ތޯތޯ" ގިނަ ވާހަކަތަކަކީ މީގެ އެތަކެއް ޒަމާނެއް ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތުންތުން މަތިން ފެތުރެމުންދާ ވާހަކަތަކެވެ. "ތޯތޯ" ބައެއް ވާހަކަތައް އެކަން ހިނގި ގޮތާއި އެއްގޮތައް ކިޔަމުންދާއިރު އަނެއް ވާހަކަތައް ދައްކަމުންދަނީ އެކަން ހިނގާދިޔަ ގޮތާއި އިދިކޮޅަށެވެ. ނުވަތަ އެވާހަކަތަކަށް އެތަކެއް ބަދަލުތަކެއް ގެނެސް ގެނެވެ. 26 އަތޮޅެއްގެ މަށްޗަށް ރާއްޖެ ބަހާލެވޭއިރު ބައެއް އަތޮޅުތަކަކީ މަޝްހޫރު އަދި ދިވެހިންގެ މަޤުބޫލުކަން ހޯދައިފައިވާ އެތަކެއް ކަމެއް ހިނގާފައިވާ އަތޮޅުތަކެވެ.

ކޮޅުމަޑުލަކީވެސް (ތ އަތޮޅު) އަކީވެސް ފްލޯކް ނުވަތަ އެވާހަކައެއްގެ ހަޤީޤަތާއި މެދު ޝައްކު އުފެދޭ އެތަކެއް ހާދިސާއެއް ހިނގާފައިވާ ތާރީހީ އަތޮޅެކެވެ. މިގޮތުންވެސް ކޮޅުމަޑުލުގެ ރަށްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމެއް ހިނގާފައިވާ ރަށަކީ މީގެ ކުރިން "ތެދުއި" ވަޑާމަށް ރާއްޖޭގައި ނަން މަޝްހޫރު، ކަނޑޫދޫއެވެ. ކަނޑޫދޫ މީހުން އެރަށާއި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަކުޅަހުގައި ވާޖެހި ވާހައަކީ މިއަދުވެސް އެވާހަކައަށް ފަނޑުކަމެއް އައިސްފައިނުވާ ވާހަކައެކެވެ.

ކަކުޅަހަކީ ، ކޮޅުމަޑުލު ކަނޑޫދޫ އާއި ވަންދޫގެ ދެމެދުގައި އޮންނަ އާދައިގެ ވަރަކަށް ބޮޑު އަދި ރުއްގަސް ގިނަ ފަޅު ރަށެކެވެ.

ކަނޑޫދޫ މީހުން ކަކުޅަހު ވާޖެހި ވާހަކަ މިއަދާ ހަމައަށް އެކި ގޮތް ގޮތައް އައިސްފައިވާއިރު ކަނޑޫދޫގެ ގިނަ ބަޔަކު އިއްތިފާގުވާ އެއް ކަމެއް އެބައޮވެއެވެ. އެއީ ކަނޑޫދޫ މީހުންގެ ނަޒަރުގައި ހަޤީގަތުގައި ކަކޮޅަހުގައި ވަލެއް ނުޖަހައެވެ. އަދި އެއީ ކައިރީގައިވާ ވަންދޫ މީހުން ކަނޑޫދޫ މީހުންގެ ބޮލުގައި އެޅުވި ތުހުމަތެއް ކަމަށް އެރަށުގެ ގިނަ ބަޔަކު ދެކެއެވެ.

މި ހާދިސާ ތުންތުން މަތިން އައިސްފައިވާ ގޮތް "ވަގުތައް" ކިޔާދެމުން ކަނޑޫދޫގެ ދުވަސްވީ މީހަކު ބުނީ ކަނޑޫދޫ މީހުން ކަކުޅަހު ވާޖެހިއޭ ބުނަނީ ރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީން މުހައްމަދު އަމީން ދޮށިމޭނާ ކަނލޭގެފާނުގެ ވެރިކަމުގައި، ދެވަނަ ބޮޑު ހަނގުރާމައާއި އެކު ރާއްޖެ ބަނޑަށް ޖެހުނު (ތަދު) ދުވަސްވަރު ކަނޑޫދޫއިން މަހަށް ނުކުމެ އުޅުނު ބައެއް، ކަކުޅަހަށް ގޮސް އެރަށުން ކުރުނބައާއި ކާށްޓާއި ގަބުޅި އެޅުމަށް ބޭނުން ކުރި " މޮޅު" ހުނަރުގެ ސަބަބުން ކަމަށެވެ.

"އެއީ ވަރަށް އެހެން ކަހަލަ ގޮތަކަށް ދެކެވުނު ވާހަކައެއް. މި ހާދިސާ ހިގާފައިވަނީ މުހައްމަދު އަމީންގެ ވެރިކަމުގެ އެންމެ ތަދު ދުވަސްވަރު. އެ ދުވަސްވަރު މިރަށުން ފަރުމަސް ބޭނުމަށް ދަންވަރުގެ ވަގުތެއްގައި ނުކުތީ ބައިގަނޑެއް. ދެން މަސް ބޭނުމުގައި އުޅުމަށްފަހު ފަތިސް ގަޑީގައި ކަކުޅަހަށް ކައިރިކުރުމަށްފަހު އެރަށު ރުކަކުން އެއްޗެހި ( ކާށި، ގަބުޅި، ކުރުނބާ) އެޅުމަށް މި ހެދި ގޮތަކީ ދިގު ވަލެއް ބޭނުންކޮށްގެން ވައުގެ އެއްކޮޅު ބައްތެލީގެ ކުނބުގައި ބެއްދުމަށްފަހު އަނެއް ބައި ރުކުގައި ބެއްދީ. ދެން ވައު ބޭނުންކޮށްގެން އިހާތައް ބައްތެއްޔަށް ބޭލީ. މިހެންގޮސް ވަތް ފުރާލި ފަހުން މިފެންނަނީ ދުރުން ދެމީހަކު އަންނަ ތަން. އަޑު އިވޭ ގޮތުގައި އެއީ ވަންދޫ ދެމީހުން. ދެން އެމީހުން ބައްތެއްޔާއި ކައިރިވެ މަންޒަރު ސާފުވާވަރުވީމާ، ބައްތެލީގައި ތިބި މިރަށު (ކަނޑޫދޫ މީހުން) މިކިޔަނީ ބާރައް ދަމާށޭ، އެބަ ކައިރިވެޔޭ.. ދެން އިރު އެރީމާ ވަންދޫ މީހުން ގޮސް ފަތުރައިގެން އުޅޭ އަޑެއް އަސްލު އެއީ" ކަނޑޫދޫ މީހުން ކަކުޅަހުގައި ވާޖެހި ވާހަކަ ތުންތުން މަތިން އައިސްފައިވާ ގޮތް "ވަގުތު" އަށް ކިޔައިދެމުން ކަނޑޫދޫގެ ދުވަސްވީ މީހަކު ބުނެފައިވެއެވެ.

ކަނޑޫދޫގެ ދުވަސްވީ މީހުންގެ ނަޒަރުގައި ޒަމާނުއްސުރެއް ވަންދޫ މީހުންނަކީ ކަނޑޫދޫ މީހުންނާއި ވަރަށް ވާދަވެރި ފަރުދެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އަދި އިހުގައި ކަނޑޫދޫ މީހުން މަހަށް ނުކުތީމާ ޖެއްސުން ކުރުމަށް ވަންދޫގެ މީހުން "ހޯއް" ގޮއްވާ ސަމާސާކޮށް އުޅޭ ކަމަށްވެސް ކަނޑޫދޫގެ އުމުރުން ދުވަސްވީ މީހުން ބުނެއެވެ.

ކަނޑޫދޫ މީހުން ކަކުޅަހުގައި ވާޖަހައި އެރަށް ގާތްކުރަން އުޅުން ވާހަކަ މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާއިރު ކަނޑޫދޫ މީހުން ކަކުޅަހު ވާޖެހި މަންޒަރު ހަމަ ލޮލުން ދެކުނު މީހަކު ވަންދޫ އައި ކަނޑޫދޫގައިވެސް ނެތެވެ. އިވެނީ މީހުން ތުންތުން މަތިން ދައްކަމުން އަންނަ ވާހަކައެވެ. އެހެންކަމުން މި ވާހަކައަކީ ހަމަ އަސްލުގައިވެސް ހިގާދިޔަ ހާދިސާއެއް ކަމާއި މެދު މިއަދު މިވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަންދޫހާ

    ދެން މިރުސްޖަހާ :ޕ

  2. ކަކޮޅޮހު މީހާ

    ކަނޑޫދޫގައި ދިރިއުޅޭ އެމަނަޒަރު ފެނިފައިވާ މީހަކު ބުނިގޮތުގައި ރުކުގައި ވާ ޖަހާފައި ގިނަ ވާތަކެއް ގުޅުމައްހަހު ކަނޑޫދޫއާއި ކައިރިއަށް ކަކޮޅަސް ގެންދިއުމަށް މަސައްކިތްކުރީ