މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަސްޓޯޑިއަލް ޖަލު ހުންނަ ދޫނިދޫއަކީ ޒުވާނުން ބަންދުކޮށް ހަލާކުކުރާ ރަށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ދޫނިދޫގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލައި، މެންބަރު ސައުދު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ތަހްޤީގަށް ބަންދުކުރަންޖެހޭ ހާލަތު ވަރަށް ސާފު ކަމަށާއި، އެހެން ނަމަވެސް މި ޤައުމުގަ އަމަލުކުރަމުން ދަނީ ރަދުން ވިދާޅުވީމަ ބަންދު ކޮށްފައި ބަހައްޓާ އުޞޫލާއި، ފަނޑިޔާރުން ބޭނުންފުޅު ވީމަ ބަންދު ކޮށްފައި ބަހައްޓާ އުޞޫލުން ކަމަށެވެ.

" ދޫނިދޫއަކީ ބަންދުކުރަން ނުޖެހޭ އެތައް ރައްޔިތެއް ބަންދު ކޮށްފައި ބަހައްޓައިގެން އެކި އެކި ގޮތްގޮތަށް ނާޖާއިޒު ފައިދާ ބަޔަކު ހޯދަމުންދާ ރަށެއް. އަދި ޤައުމުގެ ޒުވާން ބޮޑު އާބާދީއެއް ބަންދު ކޮށްގެން ހަލާކު ކުރަމުންދާ ރަށެއް. ދޫނިދޫގެ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލަން." ސައުދު ހުސައިން ވިދާޅުވިއެވެ.

ސައުދުގެ އަމިއްލަ ތަޖުރިބާގެ އަލީގައި އިތުރަށް ވިދާޅުވެފައިވަނީ، މުހިންމޫ ދިގު މައްދަތަކު ދޫނިދޫ ޖަލުގައި ބަންދު ކޮށްފައި ބެހެއްޓުމެއް ނޫން ކަމަށާއި، މުހިންމީ ހެކި ހޯދައިގެން ތަހްޤީގުކޮށް، ޕްރޮސެކިއުޓް ކުރުން ކަމަށެވެ.

"ހެކި ހޯދައިގެން ތަހްޤީގުކޮށް، ޕްރޮސެކިއުޓް ކުރުން މުހިންމީ. ދޫނިދޫގައި ބަންދުކޮށްފައި 29 ދުވަސް ތަހްޤީގަށް ސުވާލުކުރުމަށް ހޭދަވީ 10 މިނެޓް. މި 10 މިނެޓްގެ ބޭނުމަށް 29 ދުވަސް ޖަލުގެ ކުޑަ ގޮޅީގައި ބަންދު ކުރަންޖެހޭ ސަބަބަކީ ކޮބައިތޯ؟ މިއީ ޤާނޫނު އަސާސީ (ޚިލާފު) ކަމެއް!" އަމިއްލަ ތަޖުރިބާ ހިއްޞާކޮށް ސައުދު ވިދާޅުވިއެވެ.

ދޫނިދޫ ޖަލަކީ ތަފާތު ކުށްތަކުގެ ތުހުމަތުގައި ބަންދު ކުރެވޭ ފަރާތްތައް ހުކުމް ކުރުމާ ހަމައަށް ބަނދު ކޮށްގެން ގެންގުޅޭ ފުލުހުންގެ ޖަލެކެވެ. އެ ޖަލަކީ ރާއްޖޭގެ ގިނަ ސިޔާސީ ވެރިންވެސް ތަޖުރިބާ ކޮށްފައިވާ ތަނެކެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދު، ކުރީގެ ރައީސް މަޢުމޫން، ހޯމް މިނިސްޓަރު އިމްރާން، ކުރީގެ ނައިބު ރައީސް އަދީބުގެ އިތުރުން ވަރަށް ގިނަ ސިޔާސީ ވެރިން ވަނީ އެ ޖަލުގައި ދުވަސްތައް ހޭދަ ކުރައްވާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަސްޓޯޑިއަލް ޖަލު ހުންނަ ދޫނިދޫއަކީ ޒުވާނުން ބަންދުކޮށް ހަލާކުކުރާ ރަށެއް ކަމަށްބުނެ ސައުދު ޓްވީޓް ކުރެއްވިއިރު، މާފުށީ ޖަލުގައި ގަސްދުގައި މީހުން މަރަނީ ކަމަށްބުނެ މަހްލޫފް ކުރި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލާ ޝަރީއަތްވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިންނި

    ހުރިހައި ކުށްވެރިން ދޫކޮށްލަންވީނު

  2. ބަޖާޖް

    ޒުވާނުންނޭ.. ޖިނާއީ ކުއްވެރީންނައް އަދަބުދޭ ތަނެކޭ ނުބުނެވެނީ ކީއްވެ..