އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ރާއްޖޭގައި ވިއްކަމުން ދާކަމަށް ބުނާތީ އެކަން ބަލަމުން ގެންދާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އޫރުން ތައްޔާރުކޮށްފައިވާ Gelatin Porcine އެކުލެވޭ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކަމަށް ސޯޝާލް މީޑިޔާ އަދި ނިއުސް މީޑިޔާގައި ހާމަކޮށްފައިވާ މައުލޫމާތާއި ގުޅިގެން ކަސްޓަމްސް އިން ހާއްސަ އިސްކަމެއް ދީގެން އެމައްސަލަ ބަލަމުންދާ ކަމަށެވެ.

މިމުދާ އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ވިޔަފާރިތައް އިނިސްޕެކްޓް ކުރަމުން ގެންދާ ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

"މިޕްރޮޑަކްޓަކީ GELITA ބްރޭންޑްގެ Gelatine ޕައުޑާއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ކަސްޓަމްސް އިން މިމައްސަލަ ބަލަމުންދާއިރު އިތުރު މައުލޫމާތެއް ލިބިފައިވާނަމަ ކަސްޓަމްސްގެ ހިލޭ ގުޅޭ ނަމްބަރު 1416 އާއި ނުވަތަ [email protected] އީމެއިލް އާއި ހިއްސާކޮށްދެއްވުން އެދެމެވެ." ކަސްޓަމްސްގެ ބަޔާނުގައި ވެއެވެ.

"ރާއްޖެ ޓީވީ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖޭގެ މަޝްހޫރު ސުޕަމާކެޓެއްގެ އިތުރުން އެހެން ބައެއް ފިހާރަތަކުގައި ވިއްކަމުންދަނީ އޫރުން އުފައްދާފައިވާ ޖެލީ އާއި އައިސްކްރީމް ފަދަ ފޮނި ކާތަކެތި ތައްޔާރުކުރާއިރު ބޭނުންކުރާ އެއްޗެކެވެ.

ޖަނުމަނުވިލާތުގެ މި އުފެއްދުމުގައި ހަލާލު ލޭބަލް ވެސް ޖަހާފައެއް ނެތެވެ.

މާލޭގެ މަޝްހޫރު ސުޕަމާކެޓަކުން މި އުފެއްދުން ގަތް މީހަކާއި ހަވާލާދީ "ރާއްޖެޓީވީ" އިން ބުނީ އެއީ 100 ޕަސެންޓް އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއްކަން އެނގުމުން އެ ފިހާރައަށް ގޮސް އެކަމުގެ ޝަކުވާ ކުރި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެ ހުރިހާ އުފެއްދުމެއް ފިހާރައިގެ ހަރުން ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ސްޕަމާކެޓްގެ ނަން އެޗެނަލް އިން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާޓޫނު

    ކަސްޓަމްސް ސިސްޓަމް އަށް އިނގޭނެ ކޮން ބައެއް ކޯޗެއްކަން އެތެރެކުރީ ނަމާއެއްކޮށް. ފިހާރަ ފިހާރަ ވަދެގެން ހޯދަންޖެހޭ އެއްޗެއްނޫން.

  2. ބޮލި މުލައް

    ބަލަ ރ ޓީވީ އާއި ސުވާލުކުރިޔަސް ބުނެދޭނެއްނު