އެމްޓީސީސީގެ އޮފީސް ކުރިން ހުރި ބިން، ބަޔަކު "ހުއްދަ ނެތި" ބޭނުންކުރަމުން އަންނަ މައްސަލައެއް ފުލުހަށް ހުށައަޅައިފައިވާ ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އޮންލައިން ނޫހެއްކަމަށްވާ "ސީއެންއެމް" ދިން އިންޓަވިޔުއެއްގައި ވިދާޅުވީ އެމްއެމްއޭ ކުރިމަތީގައި އޮންނަ އެ ބިމުގައި އެހެން ބައެއްގެ މުދާ ހުރި ކަމަށެވެ. ނަމަވެސް އެ ތަން އެހެން ބަޔަކު ބޭނުން ކުރަމުން އަންނަނީ ކިހިނެއް ކަމާއި އެއީ ކޮން ބައެއްގެ މުދާތައް ކަން ސާފުނުވާ ކަމަށް ޝާހު ވިދާޅުވި އެވެ.

"އަޅުގަނޑު ޖެނަރަލް މެނޭޖަރު ކައިރީގައި ވެސް އަހައިފިން، އެ ބޭފުޅުންނަކަށް ވެސް އެނގިފައެއް ނެތް އެތަން އެހެން ބަޔަކަށް ދިން ކަމެއް. އެއްވެސް ލިޔެކިޔުމަކުން ވެސް އެނގޭކަށް ނެތް،" ޝާހު ވިދާޅުވި އެވެ.

ތިން ހާސް އަކަފޫޓަށްވުރެ ބޮޑު އެ ބިމަކީ އެމްޓީސީސީން އިމާރާތެއް އެޅުމަށް ނިންމާފައިވާ ބިމެކެވެ. އެ ތަނުގައި 13 ބުރީގެ އިމާރާތެއް އަޅަން ވަނީ ނިންމާފައެވެ.

މައުލޫމާތު ލިބޭގޮތުގައި ޓިނު ޖަހައިގެން ބައްދާފައިވާ އެ ބިމުގައި ގިނަ އަދަދެއްގެ ސޭފްޓީ ނެޓް ރޯލުތަކާއި، ކުލަ ފާޓާގެ އިތުރުން ވެސް ބައެއް އެހެނިހެން ސާމާނު ބަހައްޓާފައި އެބަހުއްޓެވެ.

މި މައްސަލައާއި ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަަހުމައިދު

    ތީ އެމް ޓީ ސީ ސީ ގެ ތަކެތި. ވިއްކާލާ.

  2. ޖަޒީރާ

    ތިގޮތަށް ބޭނުން ނުހިފާ އެތައް ބިމެއް މޓސސ ގެ ނަމުގައިވޭ. އެތަންތަނުން އާމްދަނީ ހޯދާފައި، ވިލިމާލެ ފެރީ ދަތުރުތަކަށް (ކޮންމެ ދަތުރަކަށް ލާރިކެނޑޭ ކާޑު ހެދުމުގެ ބަދަލުގައި) ކުރިން އޮތްގޮތަށް ސީޒަން ޓިކެޓް ހެދުމަށް ގޮވައިލަން. އެހެންނޫނީ ރައްޔިތުން ތިކަމަށް ހައްލު ގެންނާނެ.