ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލްގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގައި އާދީއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބަލަނީ މިއީ ގާނޫނުއަސާސީއާ ޚިލާފް ގާނޫނެއް ކަމަށް ބުނެ އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ތާވަލްކޮށްފައި ވަނީ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށެވެ.

އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.

ނަމަވެސް ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ބައެއް ނުހިމެނެ އެވެ.