އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ފުލުހަކަށް ޙަމަލާދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވައި ފުލުހުންގެ އިންފޮމޭޝަން އޮފިސަރު، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ރޭގެ އެއްވުމުގެ ތެރެއިން ފުލުހަކަށް އަނިޔާކޮށްފައިވާ ކަމަށެވެ.

"ހުއްޓުވާ"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ފުލުހުންނާއި ކުރިމަތިލުމަށް އެކި ފަހަރުމަތިން މަސައްކަތް ކޮށްފައިވާއިރު، ފުލުހަކަށް ޙަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ ޙަމަލާގައި ފުލުސްމީހާ އަށް ލިބުނީ ކިހައިވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ރޭގެ އެއްވުމުގެ ތެރެއިން އިދިކޮޅު ބަޔަކު ފުލުހުންގެ ގަޔަށް ކަޅުތެޔޮވެސް ޖަހާފައިވާއިރު، ފުލުހުންނަށް ޙަމަލާދިނުމަށް ތައްޔާރުކޮށްފައި ހުރި ގިނަ ޢަދަދެއްގެ މިރުސް ފެން ޕެކެޓުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ މިފަދަ އެއްވުންތަކަކީ ފުލުހުންނާއި ކުރިމަތިލައި މަގުތަކުގައި ހަމަނުޖެހުން ހިންގުމަށް ރާވައިގެން ކުރިއަށްގެންދާ އެއްވުންތަކެއް ކަމުގައިވާތީ، ފުލުހުން ވަނީ އެ ފުރުސަތު އެފަރާތްތަކަށް ނުދޭނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

ރޭ 8:30 ގައި އެއްވުން ފަށަން ހަމަޖެހުނު ވަގުތު އެ ސަރަޙައްދަށް 200 އެއްހައި މީހުން ޖަމާވިއިރު ފުލުހުންގެ އަމުރަށް ކިޔަމަންތެރިވެ އެ ސަރަޙައްދު ދޫކޮށް ގިނަ ބަޔަކު އަމިއްލައަށް ގޮސްފައި ވެއެވެ.

ނަމަވެސް އެއްވުން ބާއްވަން މަސައްކަތް ކުރި މީހުންގެ ތެރެއިން ބަޔަކު ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގާން މަސައްކަތް ކޮށްފައެވެ. އެއާއިއެކު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެއްވުން ރޫޅާލާފައެވެ.