އިސްވެދިޔަ އުއްމަތްތައް ހަލާކު ކުރެއްވުމުގެ މައިގަނޑު ސަބަބަކީ މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރި ނުވުމުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ އިސްވެ ދިޔަ އުންމަތްތަކުން އިބުރަތް ހާސިލުކުރުމަށް މާތްﷲ މި އުއްމަތުގެ މީހުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށާއި ކުރީގެ އުއްމަތްތައް ހަލާކުވާން މެދުވެރިވި ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ސަބަބަކީ ﷲ ދެއްވި ނިއުމަތްތަކަށް އެމީހުން ޝުކުރުވެރި ނުވުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އިސްވެދިޔަ ބައެއް އުއްމަތްތަކުގައި އޮތް އަމަންއަމާންކަމާއި ހަމަޖެހުމުގެ ސަބަބުން، އެގައުމުތަކަށް ﷲގެ ރިޒުގު ތަނަވަސްވެ، ބަނޑުހައި ހޫނުކަން އިހުސާސްކުރަން ނުޖެހި، ތަރައްގީވެ ކުރިއަރައިގެން ގޮސްފައިވަނީ ކިތައް ގައުމު ހެއްޔެވެ؟ ނަމަވެސް އެގައުމުތަކުގެ މީސްތަކުންގެ އީމާންކަން ބަލިކަށިވެ އެބައިމީހުންގެ ހިތްތަކުގައި ﷲ ތައާލާއަށް އޮތް ބިރުވެތިކަން ފިލައިގޮސް އެއިލާހަށް އުރެދުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުންގެ ހާލަތު އެއިލާހު ބަދަލު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ނިއުމަތްތަކުން އެބައިމީހުން މަހުރޫމުވިއެވެ. އަދި ބަލިމަޑުކަމާއި މުސީބާތްތައް އެމީހުންނަށް ކުރިމަތިވެ އެމީހުން ހަލާކުވެގެންދިޔައެވެ. އޭގެ ތެރެއިން އެއް ބަޔަކީ ސަބައުގެ އަހުލުވެރިންނެވެ" ހުތުބާގައި ބުންޏެވެ.

އަދި ހެޔޮ އަމަލަކުން މެނުވީ އާހިރަތުގައި ފައިދާއެއް ނުކުރާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

"ހެޔޮ އަމަލަކުން މެނުވީ އާހިރަތުގައި އަޅުގަނޑުމެންނަށް ފައިދާއެއް ނުކުރާނެއެވެ. މަޚުޖޫމު ވަންހައިގެ އަޅެއްގެ ގޮތުގައި ހުންނެވި އައްމާރު ބުނު ޔާސިރު ސުވަރުގޭގެ އަހުލުވެރިއެއް ކަމުގައި ވެގެންދިޔައީ އެކަލޭގެފާނުންގެ ވަރުގަދަ އީމާންކަމުގެ ސަބަބުންނެވެ" ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން އެމީހެއްގެ އުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކޮށްފި މީހަކީ މާތްﷲގެ އިރާދަފުޅުން އަބަދުގެ އަބަދަށް ސުވަރުގޭގެ ނިއުމަތުގައި ދެމިހުންނާނެ މީހެއް ކަމަށާއި ނަމަވެސް ﷲ ހަރާމްކުރައްވާފައިވާ ކަންތައްތައް ކުރުމުގައި އެމީހެއްގެ އުމުރު ހޭދަކޮށްފި މީހަކީ ﷲގެ ކޯފާއާއި އަޒާބަށް ހުށެހެޅިގެންދާ މީހެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

" އޭ ބުއްދީގެ އަހުލުވެރީންނޭވެ! އެމީހެއްގެ އުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކޮށްފި މިހަކީ، މާތްﷲ ގެ އިރާދަފުޅުން އަބަދުގެ އަބަދަށް ސުވަރުގޭގެ ނިއުމަތުގައި ދެމިހުންނާނެ މީހެކެވެ. ނަމަވެސް ﷲ ހަރާމްކުރައްވާފައިވާ ކަންކަން ކުރުމުގައި އެމީހެއްގެ އުމުރު ހޭދަކޮށްފި މީހަކީ ﷲ ގެ ކޯފާއާއި އަޒާބަށް ހުށައެޅިގެންދާނެ މީހެކެވެ." ހުތުބާގައިވެއެވެ.

އާހިރަތަށްވުރެ ދުނިޔޭގެ އެދުންވެރިކަން އިސްކޮށް ދުންޔަވީ ކަންކަމުގައި، އެއްބަޔަކު އަނެއްބަޔަކަށް ވުރެއް ކުރިއަރާ ދިޔުމަށް މަސައްކަތްކޮށް، އެކަމުގައި ހައްދު ފަހަނަ އަޅައި ދިޔުމަކީ ޤައުމުތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެއްކަމުގައި ރަސޫލާ މުހައްމަދުއް ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޡް ބަސްފުޅުތަކުން އެނގޭކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އުމުރުގެ ބާކީއޮތް ދުވަސްތަކަކީ ފައިދާ ކުރަނިވި ސޯލިހު އަމަލުތައް ކުރުމުގައި ދެމިތިބޭ ދުވަސްތަކެއް ކަމުގައި ހެދުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.