ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނި ހިއްސާވާ ކުންފުނިތަކަށް ދިވެހި ދައުލަތުން ދޫކޮށްފައިވާ ފަސް ބިމެއްގެ މައްސަލައިގައި، އެ ކުންފުނިތަކާއި ދައުލަތާއި ދެމެދު ވެފައިވާ "ސެޓްލްމެންޓް އެގްރިމެންޓްތަކަކީ" ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުގެ ލަފާ ހޯދުމެއްނެތި، ޓުއަރިޒަމް މިނިސްޓަރު ކަމުގައި އަހްމަދު އަދީބު ހުންނެވިއިރު، އޭނާ އާއި ގާސިމް އިބްރާހިމްއާއެކު ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ދައުލަތުގެ ވަކީލުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ.

ވިލާ ޝިޕިން އާއި ވިލާ ހޮޓެލްސް އާއި ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އަދި ގަޒީރާ ޕްރައިވެޓް ލިމިޑެޓުގެ އިތުރުން މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި އެކު ޓޫރިޒަމް މިނިސްޓްރީން ވެފައިވާ ސެޓެލްމެންޓް އެގްރިމެންޓްތައް 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެ މިނިސްޓްރީން ބާތިލުކުރުމުން އުފެދިފައިވާ މައްސަލަތުގެ ސަބަބުން އެ ކުންފުނިތަކުން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، "ސެޓްލްމެންޓް އެގްރިމެންޓްތަކަކީ" ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުގެ ލަފާ ހޯދުމެއްނެތި، ޓުއަރިޒަމް މިނިސްޓަރު ކަމުގައި އަހްމަދު އަދީބު ހުންނެވިއިރު، އޭނާ އާއި ގާސިމް އިބްރާހިމްއާއެކު ވެފައިވާ އެއްބަސްވުންތަކެއް ކަމަށާއި، އެ ކުންފުނިތަކަށް ޓުއަރިޒަމް މިނިސްޓްރީން ދީފައިވަނީ ދޭން ޖެހޭ ވަރަށްވުރެ ބޮޑެތި އިމްތިޔާޒުތަކެއް ކަމަށެވެ.

ދައުލަތާ ދެކޮޅަށް ކޮށްފައިވާ މި ދައުވާތަކަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ސެޓެލްމެންޓް އެގްރިމެންޓްތަކަކީ ދައުލަތުން "ގުޑް ފެއިތް" ގައި ކޮށްފައިވާ އެގްރިމެންޓްތަކެއް ނަމަވެސް، ބޮޑެތި އިމްތިޔާޒުތަކެއް ދިނުމަށްފަހު އެފަދަ އެއްބަސްވުމެއް އެކުލަވާލަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި އެ ސެޓްލްމެންޓް އެގްރިމެންޓްތައް ސަރުކާރުން ކޮށްފައިވަނީ ގާސިމް އިބްރާހިމާއި މަޝްވަރާކޮށް ގާސިމް އިބްރާހިމް ހުށަހެޅުއްވި ހުރިހާ ކަމެއް ފުއްދައިދިނުމަށް ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

އެ ކުންފުނިތަކަށް ދައުލަތުން އެހާބޮޑު އިމްތިޔާޒްތަކެއް ދޭންޖެހޭ ހާލަތެއް ނެތި، އެހާބޮޑު އިމްތިޔާޒްތަކެއް ދީފައިވުމުން އެ ސެޓްލްމެންޓް އެގްރިމެންޓްތަކުގައި މައްސަލަތަކެއް ހުރިކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން ވިދާޅުވިއެވެ. ދައުލަތުގެ ވަކީލުން ފާހަގަކޮށްފައިވަނީ، އާންމުކޮށް އިމާރާތްކުރުމުގެ މުއްދަތުގެ ގޮތުގައި ޓުއަރިޒަމް މިނިސްޓްރީން ގިނަވެގެން ދެ އަހަރުގެ މުއްދަތެއް ދެމުން އައި ނަމަވެސް، މި އެއްބަސްވުންތަކުގެ ދަށުން އިމާރާތްކުރުމުގެ މުއްދަތުގެ ގޮތުގައި ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތެއް ދީފައިވުމާއި، އެ މުއްދަތުގައި ކުލި ދައްކަން ނުޖެހޭ ގޮތަށް ހަދައި ކުރިން ކުއްޔެއް ދައްކާފައިވާނަމަ އެއީ އެޑްވާންސް ކުއްޔަށް ބަދަލުކުރުމުގެ އިތުރުން އެ ބިންތައް ކުއްޔަށް ދީފައިވާ މުއްދަތު ފަންސާސް އަހަރަށް އިތުރުކުރުމެވެ.

މައްސަލަތަކެއް ހުރިކަމަށް ދައުލަތުން ވިދާޅުވި މި އެއްބަސްވުންތައް ދައުލަތުން އުވާލާފައިވަނީ، އެ ސެޓްލްމެންޓް އެގްރީމެންޓްތަކުގެ މަޤްޞަދާ ހިލާފަށް ވިލާ ކުންފުނިން އަމަލުކުރުމުން ކަމަށް ދައުލަތުގެ ވަކީލުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ، ސެޓްލްމެންޓް އެގްރީމެންޓުގެ މަޤްޞަދަކީ އެ ކުންފުނިތަކާ ދައުލަތާ ދެމެދު އުފެދޭ މައްސަލަލަތައް ކޯޓުން ބޭރުގައި މަޝްވަރާ ކޮށްގެން ހައްލުކުރުން ކަމަށް ވީނަމަވެސް، ސެޓްލްމެންޓް އެގްރީމެންޓު އެކުލަވާލާފައިވަނިކޮށް ވިލާ ޝިޕިންގ ގެ ހަތްދިހަ އިންސައްތަ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވެލް (ޑަބްލިއުއެލްޓީ) އިން ދައުލަތާ ދެކޮޅަށް ހައިކޯޓުގައި ދައުވާއެއް ކުރުމުން ކަމަށެވެ.

ސެޓްލްމެންޓް އެގްރީމެންޓް އެކުލަވާލާފައިވާ ފަސް ކުންފުނީގެ ތެރޭގައި ވޯލްޑް ލިންކް ޓްރެވެލް ހިމެނިފައި ނުވާއިރު، އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމުން ހުރިހާ އެގްރީމެންޓްތައް ބާތިލްކުރީ ކީއްވެތޯ ފަނޑިޔާރު އަބްދުﷲ ދީދީ ސުވާލު ކުރުމުން ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ، އެ ކުންފުންޏަކީ ވިލާ ޝިޕިންގެ ކޮންޓްރޯލް އޮންނަ ކުންފުންޏެއް ކަމުން އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުން ސެޓްލްމެންޓް އެގްރީމެންޓްގެ މަގުސަދު ގެއްލިފައިވާކަމަށެވެ.

ސެޓްލްމެންޓް އެގްރީމެންޓް ދައުލަތުން އުވާލާފައިވަނީ، ވިލާ ކުންފުނިތަކުން ބިންތައް އަތުލުމުގެ މަޤްޞަދުގައި ނޫން ކަމަށާއި، އެ އެގްރީމެންޓުގެ ދަށުން ދީފައިވާ ބޮޑެތި އިމްތިޔާޒްތައް އަތުލުމަށް ކަމަށް މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައިވާއިރު، ވިލާގެ ކުންފުނިތަކަށް ހދ.ހަނިމާދުއާއި ލ.ކައްދޫއިން ދޫކޮށްފައިވާ ބިންތަކުގައި ބަދަލުގައި މާލެ އަތޮޅުން ދިން ފަޅުތައްވެސް އެހެން ފަރާތްތަކަށް ވަނީ ދީފައެވެ. ނަމަވެސް އެހެން ފަރާތްތަށް ދީފައިވާ ބިންތަކުގެ ބަދަލުގައި އެހެން ގޮތްތައް ހޯދުމަށް ދައުލަތާއެކު މަޝްވަރާކުރުމުގެ ފުރުސަތު އެ ކުންފުނިތަކަށް އެބައޮތްކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވައި ވިލާގެ ވަކީލް އަހުމަދު ޝަފީގު ވިދާޅުވީ، އެ ބިންތަކުގެ މައްސަލައިގައި ދައުލަތާ މަޝްވަރާ ކުރުމުގެ ފުރުޞަތު އޮތްކަމަށްބުނަމުންދަނީ އެ ބިންތައް މެދުވެރިކޮށް އިތުރު ކުލިތަކެއް ދައްކަންޖެހޭ ކަމަށް ބުނެ، އެ ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީއާއި ވިލާ ޝިޕިން އާއި ވިލާ ހޮޓެލްސް އާއި ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އަދި ގަޒީރާ ޕްރައިވެޓް ލިމިޑެޓުގެ އިތުރުން މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި އެކު ވެފައިވާ ސެޓެލްމެންޓް އެގްރިމެންޓްގައި އެގްރިމެންޓްތައް ބާތިލުކުރާނެ އިޖުރާއުތައް ބުނެފައިވާއިރު ދައުލަތުން އަމަލުކުރީ އެއާ ހިލާފަށްކަމަށް މިއަދުގެ ޝަރީއަތުގައި އެ ކުންފުނިތަކުގެ ވަކީލު ވިދާޅުވެފައިވާއިރު، މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ، މި ދައުވާއަށް ދައުލަތުން ލިޔުމުން ޖަވާބު ހުށަހެޅުމަށް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ދައުލަތަށް ފުރުސަތު އަރުވާފައެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފް، އާދަމް މުހައްމަދު އަބްދުﷲ އަދި ޑރ. އަހުމަދު އަބްދުﷲ ދީދީ ބައްލަވާ މި މައްސަލަތުގެ އިތުރު އަޑުއެހުމެއް 2018 މާރޗް 22 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް އެ ކޯޓުން ވަނީ ތާވަލުކޮފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަލީހާ

    އެހެންވީއްޔާ އީހުމާލުވީ ސަރުކާރުންނެއްނޫން.. އެހެންވީމާ ޑެމޭޖަސް ލީބެންޖެހޭނީ ސަރުކާރުގެ އީހުމާލުން ގާސީމައް ލީބޭ ގެލުުގެ ބަދަލު ގާސީމައް ދޭންށެއް ނޫން..

  2. ހަގީގީ

    ބަލަ މިގާސިމްގެ ވަޒީފައިގާއުޅޭ މީހުންނައްދެނީ ކުޑަ މުސާރަ ލިބޭހާފައިސާ އެކިއެކިސަރުކާރުތައްފުޑާލުމުގެ ހަދުތައްކުރަނީ މިއީ ވެރިކަމާހެދި ފެންބޮވައފައިވާ އަމިލައެދުމްފުރިފައިވާ އިންސާނެއ؟؟