މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މީލާދީ އާއަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ މީލާދީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާ މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ިތުގެ އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުވައި ތަހުނިޔާ ދަންނަވާ ކަމަށާއި އިއްޔެ އަޅުގަނޑުމެން އަލްވަދާޢުކީ، 2018 ވަނަ އަހަރެކޭ އެއްފަދައިން، މިއަދު އަޅުގަނޑުމެން މި މަރުޙަބާ ކިޔާ 2019 ވަނަ އަހަރަކީވެސް، ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ބާއްޖަވެރި އަދި އުފާފާގަތި އަހަރެއް ކަމުގައި ލެއްވުން އެދޭކަމަށެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުން އާ އަހަރަކާ ކުރިމަތިލާއިރު، ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް، ނަގަހައްޓައި ދަމަހައްޓަން ދިވެހީން ބޭނުންވެފައި ތިބި މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނި ސާބިތުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ، ދިވެހި ރައްޔިތުންނަށް، މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބެއްކަން ޔަޤީނެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ޤާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާ އެކުގައެވެ. "އެއީ، ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ މެދުގައި މުޢާމަލާތު ކުރާނެ ކަމުގެ އުންމީދެވެ. އެއީ، ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދެވެ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިފެށޭ އާ އަހަރުގެ އުފާވެރި ޝުޢޫރުތަކާއެކު، ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށްދޭން ބޭނުންވަނީ، މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމަށެވެ.

މި ފެށުނު އަހަރަކީވެސް ސިޔާސީ މުހިންމު ބަދަލަކާ އަޅުގަނޑުމެން ކުރިމަތިލާނެ އަހަރެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއަހަރުގެ އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް އަލުން ބައްޓަންކުރުމުގައި، ތިޔަ ލޮބުވެތި ރައްޔިތުން ގޮތް ނިންމަވާނެ ދުވަހެއް ކަމަށެވެ. އެދުވަހުގެ އިންތިޚާބަށް ނުކުންނައިރު، ޤައުމު މިއަދު އޮތް ޙާލަތާއި، ޤައުމު ކުރިއަށް ގެންދަންވީ މިޞްރާބު ރަނގަޅަށް އެނގި ތިބެ، ޤައުމުގެ މަޞްލަޙަތު އިސްކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ އިޚްލާޞްތެރި ދުޢާއަކީ، މިފެށުނު 2019 ވަނަ އަހަރަކީ، އުންމީދާއި އުފާވެރިކަމުން ފުރިގެންވާ ވިލުންތެރި އަހަރެއް ކަމުގައި މާތް ﷲ ލެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. "ދިވެހި ޤައުމުގެ ހެވާއި ލާބަޔަށް މިކުރާ މަސައްކަތުގައި ހެޔޮ ތައުފީޤު ދެއްވުމެވެ. ދިވެހީންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމާއެކީގައި، ތަރައްޤީއާއި ކާމިޔާބީ ޙާޞިލުކުރަމުންދާ ބައެއް ކަމުގައި ލެއްވުމެވެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފައިސާ

    މި ސަރުކާރު ދެމި މިއޮތީ ތަންމަތީގައި ދިގުދެމި ނިދަން.

  2. ރަސީދު

    މިސަރު ކާރު އޮތީ ކޮމެޓި ސަރުކާރެއްގާ

  3. عبدالله

    ފެށުމުގައިވެސް އޮޅުންބޮޅުން، މެދުތެރޭގައިވެސް އޮޅުންބޮޅުން، ނިމޭނީވެސް އޮޅުންބޮޅުމުން،