ފެނަކަ އިން ހިންގާ އިންޖީނުގެއެއް
ފެނަކަ އިން ހިންގާ އިންޖީނުގެއެއް

ކަރަންޓު އަގު ހެޔޮ ކުރުމުގެ މަސައްކަތް ފަށައިފިން ކަމަށާއި ކަރަންޓުގެ އަގު ވަރަށް އަވަހަށް ހެޔޮކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ "ރާއްޖެ ޓީވީ" ގެ ފަލަ ސުރުހީ ޕޮރޮގްރާމްގައި ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ، ކަރަންޓުގެ އަގު ކުޑަ ކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށްޓަކާ ކަރަންޓު އަގު ކުޑަކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.

''ކަރަންޓުގެ އަގު ކުޑަ ކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް, ސަރުކާރުން ކަނޑައަޅުއްވާނީ އަގެއް. އަޅުގަނޑުމެން މިހާރު އެކަމަށް މަސައްކަތް ކުރަމުންދަނީ. ސަރުކާރު ސިޔާސަތު ތެރެއިން ރައްޔިތުންނަށް ލުއި ގޮތަކަށް ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ'' ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ކަރަންޓު ކެނޑޭ މައްސަލަ ދިމާވާ ރަށްރަށުގައި އެކަންތައް ހައްލު ކުރުމުގެ ގޮތުން ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ބާ އިންޖީނުތައް އާކޮށް މިހާރު ހުރި އިންޖީނުގެތަކަކީ ހަރުދާނާ ތަނެއްގެ ގޮތުގައި ހެދުމަށް މިދަނީ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެއްވެސް މުވައްޒަފަކާ މެދު ތަފާތުކުރުން ނުގެންގުޅޭނެ ކަމަށާއި ވަކި ޕާޓީއަކަށް ނިސްބަތްވީތީވެ މުވައްޒަފަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި ކުންފުނީގެ ނަމުގައި ސިޔާސީ ހަރަކާތްތަކަށް ގިނަ އެއްޗެހިތަކެއް ވަނީ ގަނެފައި, އެކަމުގެ ސަބަބުން ކުންފުނިން ވަރަށް ބޭކަރު ގޮތުގައި ބޮޑު އިސްރާފެއް ވަނީ ކޮށްފައި" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ސިޔާސީ ގޮތުން ނުހިންގާ އެއްވެސް ކަމެއް ކުންފުނި ތެރޭގައި ނެތް ކަމަށާއި މިހާރު އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

"އެފަދަ އެއްވެސް ކަމެއް ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކު ކުންފުނީގައި ވަޒީފާ އަދައެއް ނުކުރާނެ. މާލީ ގޮތުން ފެނަކަ އޮތީ ނާޒުކު ފައްތަރެއްގައި، ދައުލަތުގެ މާލީ އިދާރާއިން އެހީތެރިންކަން ފޯރުކޮށް ނުދީފިނަމަ ނާޒުކު ހާލަތަކަށް ކުންފުނި ހިނގައިދާނެ" ސައީދު ވިދާޅުވިއެވެ.

ކަރަންޓްގެ އަގު ހެޔޮކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ޑީސަލްގެ ޑިއުޓީ އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު