ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް ދޭ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކުގެ ވަގުތު، މިއަދުން ފެށިގެން އިތުރު ކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި، ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ޖަލުތަކުގައި ގައިދީންނަށް އާއިލީ ބައްދަލުވުންތަކަށް ދެނީ އެއް ގަޑިއިރުކަމަށެވެ. އެހެންނަމަވެސް، މިއަދުން ފެށިގެން މި ބައްދަލުވުންތައް ދެ ގަޑިއިރަށް ބޭއްވޭނެކަމަށް މިނިސްޓަރު ވިދާޅިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ކުރިން ޖަލުތަކުގައި އެކަހަރި ބައްދަލުވުންތައް ބޭއްވެނީ މަހަކު އެއް ފަހަރު 12 ގަޑިއިރަށްކަމަށެވެ. އެހެންނަމަވެސް، މިހާރު މަހަކު އެއް ފަހަރު 24 ގަޑިއިރަށް މި ބައްދަލުވުންތައް ބޭއްވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ މި ފުރުޞަތުތައް ލިބުމުގައި ގައިދީންގެ މެދުގައި އެއްވެސް މިންވަރަކަށް ތަފާތު ނުކުރާނެކަމުގައެވެ.

ހަމައެހެންމެ، ކޮންމެ ގައިދީއަކަށްވެސް އެމީހެއް ވަކީލާ، ބަންދު ނޫން ކޮންމެ ދުވަހަކުވެސް ބައްދަލު ކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ. މީގެކުރިން، ވަކީލުންނާ ބައްދަލު ކުރެވެނީ ކޯޓުގައި މައްސަލައެއް ތާވަލު ކުރެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެކަހެރި

    ކޮބާތަ އެކަހެރި ބައްދަލުވުމަކީ؟

  2. ބުލް

    ޖަލުގައި އަރާމުގަ އުޅެވެންޏާ މިރާއްޖޭގައި ކުށް ކުރުން މަދެއް ނުވާނެ..

  3. ނިންނި

    ލޮލް

  4. ސާޒް

    ހަމަަައެކަނި ނަމެއް ދޯ ޖަލޭ ކިޔާކަން އެހެން ހުރިހާ ކަމެއް ފުރިހަމަ ✔???

  5. ނުރަބޯ

    ޖަލަކީ ހަމަ ނަމެއްގައި އޮންނަ ތަނެކެވެ. އެއަށްވުރެ އެތަނަށް 5 ތަރި ހޮޓަލެކޭ ކިއްޔާ މާ ރަނގަޅު ވާނެ އެވެ. އިރުން އިރަށް މޮޅު ކޮއްތު ކާންލިބިފަ ހަކުރުބޯ މީހުން ނަށް، އެފުރުސަތު އޮވެފައި، ޢާއިލާގެ މީހުންނަށް ފޯނުކުރެވޭނޭ ފުރުސަތު އޮންނަ ތަނެކެވެ. ޓެކްސް ޕޭޔަރުންގެ ފައިސާ އިސްރާފުކުރާތަނެކެވެ. އެތަނަށް ވަންނަ ކުށްވެރިން މަދެއްނުވެއެވެ. އަދިކިއެއްތަ ވަނީ ގިނައެވެ. ރާއްޖޭގެ އިންސާނީ ޙައްގު ތަކާ ބެހޭ ކަމިޝަނުން ދެއިރު ދެ ދަޅައިގައި އެ ހޮޓަލުގެ ހާލަތު ބަލާ ތަނެކެވެ. އެހެންބަލާއިރު އެއިން ގައިދީ އެއްގެ އެންމެ ކުޑަމިނުން ނިޔަ ރޮއްޖަކަށް ގޮތެއްވެފައި ހުއްޓަސް އެ ނިމުނީއެވެ. އިންސާނީ ޙައްގުތަކާ އެ ޚިލާފުވީ ޔޯލައެވެ.