ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދަން ނިންމާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކު ސްކޫލްގެ ކުރިމަތީގައިވާ ބިޅިފޭށި މަގު ފުޅާކުރަން ސަރުކާރުން ލިސްޓްކޮށް، އެވައުދު ފުއްދިއްޖެކަން އިއްޔެ އިއުލާން ކުރިއިރު މަގު ފުޅާކުރުމަށް އެއްވެސް މަސައްކަތެއް ނުފަށާ ކަމަށް ފުވައްމުލަކު މީހުން ބުނެފިއެވެ.

ފުދިފައިވާ ވައުދުތަކުގެ ލިސްޓްގައި ބިޅިފޭށި މަގު ފުޅާކުރުން ހިމަނާފައި ވާއިރު މިހާތަނަށް ސިޓީ ކައުންސިލުން ކުރި ހަމައެކަނި ކަމަކީ ކުރީގެ އޮތޮޅު ކައުންސިލުން އެމަގު ފުޅާކުރަން ނިންމާފައި އޮތް ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ސްކޫލުގެ މަގުފާރު ތަޅާ ރާނަން ބަޔަކު ހޯދުމަށް އިއުލާން ކުރުން އެކަންޏެވެ. ނަމަވެސް ސަރުކާރުން ވިދާޅުވަނީ މިހާރު މަގު ފުޅާކޮށް ނިމިއްޖެ ކަމަށެވެ.

ދާދީ ފަހުން ނާއިބު ރައީސް ފައިސަލް ނަސީމު ފުވައްމުލަކަށް ވަޑައިގެން ވެސް މިމަގު ބެއްލެވިއެވެ. އެހެންކަމުން މަގު ފުޅާކޮށްފައި އޮތް ކަމަށް ސަރުކާރަށް ރިޕޯޓް ކުރެވިފައި ވަނީ އޮޅިގެން ކަމަކަށް ލަފައެއް ނުކުރެވެއެވެ.

"ފުވައްމުލަކު ރައްޔިތުން ދެކެނީ މިއީ ސަރުކާރުން ފުއްދާ ދެއްވި އާދަޔާ ޚިލާފު ވައުދެއް ކަމަށާއި ހުވަފެނުން މިކަން ފުރިހަމަވިޔަސް ޢަމަލުން މިކަން ފުރިހަމަވެގެންދާނެ ދުވަހެއް ދެކެން ވެސް ރައްޔިތުން ބޭނުންވާ ކަމަށެވެ." ފުވައްމުލަކުގެ އޮންލައިން ނޫހެއް ކަމަށްވާ "ފުވައްމުލަކު ޓައިމްސް" ގައި ބުނެފައި ވެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުތަކުގެ ތެރޭގައި ވަރަށް އާދައިގެ ކަންކަން ހިމަނާފައި ވުމުން ވެސް މީގެ ކުރިން ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. ބައެއް ތަންތަނުގެ ނަން ބަދަލު ކުރުމާއި މަސައްކަތް ނިމިފައި ހުރި ތަންތަން ހުޅުވުން ވެސް ސަރުކާރުން ފުއްދަން ވައުދުވި ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިނޫން ގޮތަކަށް ތި ބައިގަނޑު ކަމެއް އެބަކުރޭތަ؟ ވޯޓުދިންމީހުން ވިސްނާލާ! މަނުދެން! ދުވަހަކުވެސް ތިބައިގަނޑކަށް ނުވެސް ދޭނަން!

  2. ލަބީބު

    އެއްކަމެއްވެސް ނުވަނެއެވެ. ދުވަހެއް ދުވަހަކަށް ޤަވްމު އިނދަޖެހެމުންދާތަން ފެންނާނެއެވެ. ރައީސް ޔާމީން ފައްޓަވާފަހުރި ގިނަ މަސައްކަތްތަކަކަާއި ، ނުވަތަ ފެށުމަށް ފަންޑުހަމަޖެހި ބަޔަކާ މަސައްކަތް ޙަވާލުކުރަން ތައްޔާރުވެފައިހުރި ކަންތައްތައްވެސް އެވަނީ ހުއްޓިފައެވެ. ފުވައްމުލަކު ރައްޔިތުން 2018 ގައި ވަރަށް ރަގަޅަށް ރައީސް ޔާމީނަށް ވޯޓު ދެއްވިކަން ފާހަގަކުރެވެއެވެ. ހަތަރުސަތޭކައެއްހާ ވޯޓުގެ ތަފާތަކުން ކޯލިސަން މޮޅުވިޔަސް ރައްޔިތުންނަށް ޝުކުރުހުއްޓެވެ. މަޖްލިސް އިންތިޚާބުގައި ، ވަޢުދު ނުފުއްދާމީހުނަށް ނޫނެކޭ ބުނަން ތައްޔާރަށް ތިއްބަވާށެވެ.

  3. ދދދދދދ

    ބިޅިފޭށި އަނެއްކާވެސް ފަޅުރަށަކަށް ހަދާލަނިކޮށް ރަނގަޅުވާނެނު

  4. ފަރުކޮއެ

    ޝޯލިހް ވަނީ ބުނެފަ ދަނބިދޫގަ ކޯޒްވޭއެޅުންވެސް ފުރަތަމަ މަސްތެރޭގަ ފެޗޭނެޔޯ މިކޮޅަށް އައިއްސަ ބުނީ. ޢެކަމަކު އޭގެ ހިލަމެއް އަދިވެސް ނުވޭ

  5. ޙަސން އަޙްމަދު

    އޮޅުވާލި ސަރުކާރުން وعد ފުއްދަނީ އަދި ފުއްދާނީ عمل އަކުންނޫނެވެ. ހަމައެކަނި ބަހުންނެވެ.