ރާއްޖޭގެ ޖަލުތަކަށް ޒިޔާރަތްކޮށް ޖަލުގެ ހުރިހާ ކަމެއް ބަލާނެ ކަމަށް ޖަލުތައް އޮޑިޓް ކުރުމަށް ހޯމް މިނިސްޓްރީއިން އެކުލަވާލި ހަތް މެމްބަރުންގެ ކޮމިޝަންއިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ މަސައްކަތް 18 ޑިސެންބަރުގައި ފަށާފައިވާއިރު ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ ރައީސް، އަހްމަދު އަބްދުލްކަރީމް ވިދާޅުވީ ކުރިން އެންގުމަކާއި ނުލައި ޖަލުތަކަށް ޒިޔާރަތްކުރަން ނިންމާފައިވާ ކަމަށެވެ.

"މި ޒިޔާރަތްތައް ކުރާ އިރު އަޅުގަނޑުމެން ނިންމާފައި މި އޮތީ، ކުރިން އެންގުމަކާ ނުލައިވެސް ބައެއް ޒިޔާރަތައްތައް ކުރަން،" އަހުމަދު ވިދާޅުވި އެވެ.

ޖަލުތަކަށް ކުރައްވާ ޒިޔާތަރުގައި ޖަލުތަކުގެ ކެއިން ބުއިން ފޯރުކޮށްދޭ ގޮތާއި، އެތަނުގައި ޖާގައިގެ ދަތިކަން ހުރިތޯ އާއި ސިއްހީ ފަރުވާ އާއި ސާފުތާހިރުކަން ފަދަ ކަމުގެ އިތުރުން ގައިދީންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހައްގުތައް ފޯރުކޮށްދޭތޯ ބަލާނެ ކަމަށް ޖަލުތައް އޮޑިޑް ކުރާ ކޮމިޝަންއިން ބުނެއެވެ. މީގެ އިތުރުން ބަންދުކޮށްފައި ތިބޭ މީހުންނާ މެދު އަމަލު ކުރާ ގޮތްތަކާއި، ގައިދީން ޖަލުން އަނބުރާ އިސްލާހުވެގެން މުޖުތަމައުގެ ތެރެއަށް ގެނެވޭނެ ގޮތްތައް ބަލާނެ ކަމަށް ވިދާޅުވި އެވެ.

އަދި ކަރެކްޝަންސްގެ ވަސީލަތްތަކުގެ މައްސަލަތައް ހުރިތޯ އާއި އެ ތަނުގެ މުވައްޒަފުންގެ ކަންކަން ވެސް ކޮމިޝަނުން ބަލާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝްރޭ

    މި މީހުން ބަލާނީ ހަމަ މިކަން ކަން އެކަނި، އެހެން މީހުންގެ ޙައްޤެއް ނެތީބާ

  2. ނަޖީ

    ކިބޫ ކިބޫ ކިބޫ ރޭކުރުމަޣްޓަކާ ކޮމިށަނެނަހަދާތޯ ޣަދި