ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަކީ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާ، ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރާއްޖެއާއި ޔޫއޭއީގެ ސިޔާސީ ގުޅުމަށް 40 އަހަރު ފުރުމުގެ މުނާޞަބަތުގައި އެގައުމުގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާނަށާއި، އެ އެޤައުމުގެ ނައިބު ރައީސްގެ މަޤާމާއި، ބޮޑުވަޒީރު، އަދި ދުބާއީގެ ވެރިޔާގެ މަޤާމު ވެސް ފުރައްވާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، އެ އެޤައުމުގެ ވަލީއަޙުދު، ޝެއިޚް މުޙައްމަދު ބިން ޒައިދު އައްނަޙްޔާނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ތިން ބޭފުޅުންނަށް ފޮނުއްވި މެސެޖުގައި ޔޫ.އޭ.އީއަކީ ރާއްޖެއާ ވަރަށް ގާތް އަޚުވަންތަ ގުޅުމެއް ދަމަހައްޓަވާ، ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާ، ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް ކަމުގައި ވިދާޅުވެފައި ވެއެވެ.

މިގޮތުން ޔޫ.އޭ.އީއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިއެރުމާއި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާތާ ސާޅީސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި ޔޫ.އޭ.އީއަކީވެސް ސިޔާސީ އަދި ބައިނަލްއަޤުވާމީ ގޮތުން ކުރިމަތިވާ އެއްގޮތް ކަންކަމުގައި އެއްބާރުލުންދޭ ދެ ޤައުމުކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގައި ހިނގަމުންދާ ބޮޑެތި ބިޔަ މަޝްރޫޢުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ބައިވެރިއެއްގެ އިތުރުން ޔޫ.އޭ.އީއަކީ ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލާ މުހިންމު މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރާ ކަންކަމުގައި އެއްބާރުލުން ދެއްވާ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ވޭތުވެދިޔަ ސާޅިސް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ހިންގިފައިވާ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ޔޫ.އޭ.އީން ވެދެއްވާފައިވާ ދީލަތި އެހީތައް ފާހަގަ ކުރައްވާ ކުރިއަށް އޮތް ތާނގައިވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގައި އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެކިދާއިރާތަކުން ދެޤައުމަށާއި ދެޤައުމުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަންކަމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތް ކުރިއަށް ގެންދަވާނެކަން، މިމުނާސަބު ވަގުތުގައިވެސް ތަކުރާރު ކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 15 މާރިޗު 1978 ވަނަ އަހަރުގައެވެ.