ރާއްޖޭގެ ޝަރުޢީ ދާއިރާގައި މައްސަލަތައް އެބަހުއްޓެވެ. އެމައްސަލަތަކުގެ ވާހަކަދައްކަން މިޒަމާނުގެ ދިވެހިން ތިބޭތާ ވެސް މިހާރު ރަންޔޫބީލަކާއި ކައިރިވަނީއެވެ. ނަމަވެސް ދައްކާ ވާހަކަ ތަކުރާރު ކުރުން ފިޔަަވައި އިތުރު ކަމެއް ނުކުރެވެއެވެ. ފަނޑިޔާރު ރިޝްވަތު ހިފާ ވާހަކައާއި، މައްސަލަ ޝަރީޢަތުގައި ލަސްވާ ވާހަކައާއި، ފަނޑިޔާރުންނަށް ތަފާތު ނުފޫޒުތައް ފޯރުވާ ވާހަކައާއި، އަދި ފަނޑިޔާރުންނާއި ގޭންގްތަކާއި ގުޅުން އޮވެ، ބޮޑެތި މުޖުރިމުން ދޫވެގެންދާ ވާހަކައަކީ އާވަހަކައެއް ނޫނެވެ. އެއީ މީހުންގެ ތުންތުންމަތިން އަބަދުވެސް ދައްކަމުން އަންނަ ވާހަކަތަކެވެ.

މިއަދު ކޮންމެހެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ އެވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. އަދި އަމުދުން އެކަންކަން ބަލަން ކޮންމެހެން އާފެށުމަކުން ފަށާ ވާހަކަ ބުނެލާ ފަށުއި އިބާރާތާކުން ބަޔާންތައް ނެރުމުގެ ބޭނުމެއް ވެސް ނެތެވެ. މިއީ އަމަލުން އެކަން ދައްކަން ޖެހިފައި އޮތް ވަގުތެވެ.

އަލްއުސްތާޛް ހުސްނުއް ސުއޫދު މިދިޔަ ހަފްތާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ބައެއް ވާހަކަތައް އަޑުއަހާފައި އެކަމާއި ހައިރާންވި އެއްވެސް މީހަކު ހުންނާނެ ހެނެއް ހިޔެއްނުވެއެވެ. އެއީ އޭނާ އާވާހަކައެއް ދައްކަވާފައި ނުވާތީއެވެ. ސުއޫދުގެ ވާހަކަތައް ހަމައެކަަނި ކްރިމިނަލް ކޯޓަށް އަމާޒު ކުރެއްވި ނަމަވެސް އެއީ އޭނާއަށް ވެސް ހުރިހާ ވާހަކައެއް ދައްކަން ކެރިވަޑައި ނުގަންނަވައިގެން ކުރެއްވި ކަމެއްކަން އެންމެންނަށް ވެސް އެނގެއެވެ. ކްރިމިނަލް ކޯޓުން އިންސާފު ގާއިމް ނުވާކަމަށް ވިދާޅުވިއިރު ދެން ހުރި ކޯޓުތަކުގެ ހާލަތު ވެސް ސުއޫދަށް އެނގިވަޑައިގަންނަވާނެއެވެ.

ސުއޫދުގެ ވާހަކަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ބަޔާނެއް ނެރުއްވިއެވެ. މީގެ ކުރިން މިފަދަ ކަންކަމުގައި ޤާނޫނީ ވަކީލްކަމުގެ ހުއްދަ ބާތިލް ކުރި ނަމަވެސް މިފަހަރު ސުޕްރީމް ކޯޓުން ހަރުކަށިކަން ނުދައްކަވާ ވަރަށް މަޑުމައިތިރި، ފަށުއި އިބާރާތްތަކުން އޮތް ރީތި ބަޔާނެއް ދެއްވުމަށް ފަހު އެކަން ނިންމާލައިފިއެވެ. ތުހުމަތުތަކުގެ ހެކި ހޯއްދަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ ސަަބަބުން އުއްމީދެއް އާވި އެއްވެސް މީހަކު ނުހުންނާނެއެވެ. ސަބަބަކީ ދައުލަތުގެ އިދާރާތަކުން މިފަދަ ބަޔާންތައް ނެރުން މިއީ އާކަމަކަށް ނުވާތީއެވެ. އެއްވެސް ފަހަރަކު އަމަލީ މަސައްކަތެއް ކުރެވޭތަނެއް ނުފެނެއެވެ.

ކޮރަޕްޝަން ފެތުރުމުގެ ފުރުސަތު ފަހިކޮށްދީފައި އޮތުމުން ވެރިންނަށް އަބަދުވެސް ފައިދާވެއެވެ. ހަމައެކަނި ތިމަންނަމެން ބޭނުންވާ ގޮތައް ބައެއް ފަހަރު ހުރިހާ ކަމެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮރަޕްޝަން އޮންނަ މުއައްސަސާތަކުން ބައެއް ފަހަރު ތިމަންނަމެންނަށް ވެސް ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އޮންނާނެއެވެ. އެހެންކަމުން ކޮރަޕްޝަން ނައްތާލާ މިނިވަންކަމާއި މުސްތަގިއްލުކަން ގާއިމް ކުރަން ވެރިން ބޭނުމެއް ނުވެއެވެ.

ސުއޫދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަން ކުރެއްވި ބޭފުޅެކެވެ. ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވިއެވެ. ނަމަވެސް ޝަރުއީ ދާއިރާ އިސްލާހު ކުރަން، ޝަރުޢީ ދާއިރާއަށް ކުރެވޭ ތުހުމަތުތައް ތަޙްޤީޤުކޮށް ފަނޑިޔާރުންނާއި މެދު ފިޔަވަޅު އެޅޭނެ ގޮތެއް ހޯދުމުގައި އޭނާ ވަނީ ފެއިލްވެފައެވެ. ކުރެވުނު އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ. އެހެންކަމުން މިއަދު އަނެއްކާ ނިކުމެވަޑައިގެން ކޮންމެހެން ތުހުމަތުތަކެއްގެ ވާހަކަ ދެއްކެވެމުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

މައްސަލަތައް ހައްލުވާނީ މައްސަލަތަކުގެ ވާހަކަ ދައްކައިގެން ކަމުގައި ވަނީނަމަ ރާއްޖޭގެ ޝަރުއީ ދާއިރާގެ މައްސަލަތައް މިހާރު އޮންނާނީ ހައްލުވެފައެވެ. މިއުޅެނީ މައްސަލަތަކަކީ ކޮބައިކަން ނޭނގިގެންނެއް ނޫނެވެ. މައްސަލަތައް ހައްލު ކުރަން ބޭނުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ނޫނެވެ. އަދި ނޫސްބަޔާނެއް ވެސް ނޫނެވެ.

މައްސަލަތައް ހައްލު ކުރަން ބޭނުން ވަނީ ވަކި މީހެއްގެ މޫނަކަށް، އޭނާގެ ފައިސާވެރިކަމަކަށް، އޭނާގެ ސިޔާސީ ބާރުވެރިކަމަކަށް ނުބަލާ ޤާނޫނޫ ތަންފީޒު ކުރާށެވެ. ދައުލަތުގެ މާލިއްޔާ ބަނޑު އަޅާލި މީހުން ޖަލަށް ދާން ޖެހޭ އުސޫލުން ފަނޑިޔާރުންނަށް ރިޝްވަތު ދިން މީހުންނާއި ރިޝްވަތު ހިފި ފަނޑިޔާރުން ވެސް ތިބެން ޖެހޭނީ ޖަލުގައެވެ. އެންމެންގެ ކުރިމަތީގައި މީހުން ވަގަށް ނަގައިގެން ގެންގޮސް ރަހީނު ކުރުމުގައި ބައިވެރިވި މީހުން ވެސް ތިބެން ޖެހޭނީ ޖަލުގައެވެ.

ނަމަވެސް މިކަންކަމަކީ ވާނެ ކަމެއް ނޫނެވެ. ފެނުނު މަންޒަރަށް ބަލާފައި ބުނެވެން އޮތީ މިހެންނެވެ. ޝަރުއީ ދާއިރާ އިސްލާހުކޮށް އިންސާފު ގާއިމް ކުރާ ވާހަކައިގެ މާނަ ގޮސް މިހާރު ހުއްޓެނީ ތިމަންނަމެން ބޭނުންވާ ގޮތައް ޙުކުމް ކުރާނެ ޝަރުޢީ ނިޒާމެއް ބިނާ ކުރުމާއި ހަމައަށެވެ. އިހްލާސްތެރިކަން ހުރިނަމަ ހަމައެކަނި ތިމަންނަމެން ބޭނުންވާ ޙުކުމް ނެރުން އެއީ ރަނގަޅު ގޮތް ކަމަކަށް ގަބޫލެއް ނުކުރާނެއެވެ.

އަމިއްލަ އެދުމެއް ނެތް، އެއްވެސް މީހަކު މިހާރު ހުރި ކަމަށް ބުނެވޭކަށް ނެތެވެ. ނަމަވެސް ޝަރުއީ ދާއިރާ ވެސް އަދި އެހެން ދާއިރާތައް ވެސް އިސްލާހު ކުރެވެން އޮތީ އަމިއްލަ އެދުމެއް، އަމިއްލަ އެޖެންޑާއެއް ނެތް، ގައުމަށް ވަފާތެރި، ގައުމުގެ މުސްތަގުބަލަށް ވިސްނާ ބަޔަކު ކަންކަން އިސްލާހު ކުރަން އުޅެގެންނެވެ. އެފަދަ ބަޔަކު ފެނުން މިހާރު އެއީ ހުވަފެނެއްގައި ނޫނީ ނުވާނެ ކަމެކެވެ.

މިއަދު ސުއޫދު ނުވަތަ ދެން ހުރި ބޭފުޅަކު ނިކުމެ ޝަރުއީ ދާއިރާ އިސްލާހު ކުރާނެނަމަ އެބޭފުޅުން ކުރިން އޮންނާނީ އެކަން ކޮށްފައެވެ. އެބޭފުޅުންނަށް ފުރުސަތު ލިބިއްޖެއެވެ. އެހެންކަމުން މިއަދު ދައްކަވާ ވާހަކަފުޅަކުން އާއުއްމީއެއް އުފެދިގެންނެއް ނާދެއެވެ. ބޭކާރު އުއްމީދުތަކެއްކޮށް، ހާސިލް ވާން ނެތް ހުވަފެނަކަށް ބެލުމުގެ ބޭނުމެއް ނެެތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމަކުނު

    ނުފޫޒަށް ބޯލަނބައި ޤާނޫނާއި ޚިލާފަށް ހުކުމް ކުރި ފަނޑިޔާރުން އެތިބީ ހާމައަށް ފެންނަން. އެމީހުން މަގާމުން ދުރުކޮށް އަދަބު ނުދީ ޝަރުއީ ދާއިރާ އިސްލާހު ކުރާ ވާހަކަ ނުދައްކާ.

  2. އަހުމަދު687

    ޝަރުޢީ ނިޒާމުގައި މައްސަލަތަކެއް ހުރީ ޤާނޫނީ މާހިރުންނަށް ވެެގެން އުޅޭ ދެތިން ރޯނުއެދުރުންނާ އެއްގޮތަށް މައްސަލަތަށް ނުނިމޭތީ! މިހާރުވެސް ސަސްޕެންޝަންގައި ހުރި މާހިރަކު ކޮމިޝަނެއްގެ ވެރިޔަކަށް ހުރެގެން ޒާތީ ހަސަދަ ފިލުވާލަނީ! ހުރިހާ މުޖުރިމުންގެ ލޯޔަރަކަން ކުރާ މީހާ އެހެން މީހުންނަކީ މުޖުރިމުން ކޯޓާދީގެން ތިބިބަޔެކޭ ބުނީމާ! ޕާރޓީތަކުން ޑީލް ހަދައިގެން ސުޕްރީމް ކޯޓާއި ޖޭއެއްސީގަ މީހުން ބައިތިއްބަނީ! ފުރަތަމަ ޕާޓީތަކުންވެއްޖެ ދޯ ނުކިޔަވާތިބި އެކްޓިވިސްޓުންނާ އާއިލާ މީހުން ދުރުކޮށްފަ ކިޔަވައިގެންތިބި ގާބިލް މީހުން މަގާމުތަކަށް ލާން!

  3. މަސްވެިރިޔާ

    ރާއްޖޭގެ ފަނޑިޔާރުންނާއި ފަނޑިޔާރުގެ ތައް
    ބިނާކޮށް ހަލާކް ކޮށްލީ ޑިކްޓޭޓަރޝިޕް
    1.ރާއްޖޭގައި ޕޮލިސްކޯޓެއް އުފައްދައިގެން 20 އަހަރު ނުހައްގުން އެތައްހާސް ބަޔަކަށް އަދަބްދީ ޖލަށްލި.
    2. ޖަސްޓިސްގެ ހުރިހާ ބާރެއް 30 އަހަރު ބޭނުންގޮތަކަށް ގެންގުޅު.
    3.ފަނޑިޔރުންނަށް އެއްވެސް ރައްކާތެރިކަމަކާއި ސަރުކާރުގެ ބޯހިޔާވަހި ކަމެއްނެތި ކުޑަ މުސާރަޔަކަށް މަސައްކަތް ކުރަންޖެހުމުގެ ނަތީޖާއަކީ ނުހައްގު ހަދިޔާ ބަދިޔާ ލިބިގަތުމުގެ ސަގާފަތް ފެށުން.
    4. އަވަސް ނިޔާ ކޯޓް އުފައްދާ .. ބޭނުންވާ ބަޔަކް ހައްޔަރުކޮށް އަރުވާލުން.
    5.ވަރަށްގިނަ އަންހެނުން ނަހަލާލު ދަރިންގެ ކުށުގައި އަރުވާލި.
    30 އަހަރުގެ ކެންސަރ ވަނީ ވަރަށްބޮޑްތަން ފިލާފަ. ރާއްޖޭގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ ރަގަޅު ތައުލީމީ ބަޔެއް... ހުރިހާ ނުބަޔަކީ ސިޔާސީ ވެރިންނާއި ކުރީގެ ޑިކްޓޭޓަރުންނާއި މުއްސަދިން.

  4. ޔާމިން

    ކަލޭކިހާރިޝްވަތެއްނެގުނު ބޯހަލާކް

  5. ޜާއްޖެ އިސްލާމް

    ސުޢޫދު މާލެއިންގެއެއް ގަތީ ކިހިނެއް ފައިސާ ހޯދައިގެންތޯ ބުނެދީބަލަ. ގޭންގްތަށް ހިމާޔަތް ކުރަނީވެސް މިފަދަ ވަކީލުން

  6. ހުރާގަނޑު

    ހުސްނުއްސުއޫދު އަކީ މިދުނިޔޭގައިހުރި ހަމައެކަނި ކުއްވެރިންގެ ދިފާއުގައި ވަކާލާތުކޮށް ބޮޑުއަގުގައި ހަރާމްލާރި ހޯދި އެންމެ ބޮޑު މުލިވަގު ވަގުންގެ ފޮށި ބާރަށް ބަންނަން ކަލޭ އެހީވަނީ. ޥަރަށްސަލާމް.#

  7. Miadhu

    މައްސަލަ އެބަހުރި އެކަންތައް ރަގަޅުކުރެވޭނީ ސުޢުދުފަ ކޮރަޕްޓް ވަކީލުންގެ ހުއްދަ ބާތިލުކޮށްގެން

  8. ދިވެއްސެއް

    ފަނޑިޔާރުންނަށް ވުރެ ވަކީލުން ބާރުގަދަ ކުރަން ކުރާ މަސައްކަތެއް. ސޫދު، މާރިޔާ އަދި ޝާހިން ހަމީދުމެން ކިޔަވާނިމިގެން އައި ދުވަސްކޮޅު ފަނޑިޔާރުންނަށް ވުރެ ސޫދުމެންގެ ބާރު ކޯޓުތަކުގަ ބާރުގަދަ ދުވަސްތަކެއް ދިޔަ. އެދުވަސްތައް އިޔާދަ ކުރަން އުޅޭހެން ހީވަނީ. ސޫދު ކީއްވެތޯ ގޭންގުތަކުން ރިޓެއިންކޮށްފަ ތިބޭ ލޯޔަރުންގެ ވާހަކަ ނުދައްކަނީ