03 ޖަނަވަރީ 2019 ވަނަ ދުވަހުގެ 14:00 އިން ފެށިގެން މިއަދުގެ 14:00 އާ ހަމައަށް ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ކާޑެއްދޫ އަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ކާޑެއްދޫ އަށް 134 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގްރާފުގައި ހިމަނާފައިވާ ރަށްތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ތިނަދޫ އަށެވެ. އެއީ 126 މިލިމީޓަރުގެ ވާރެއެވެ.

ގްރާފުގައި ހިމަނާފައިވާ ރަށްތަކުގެ ތެރެއިން ގއ. ކޮލަމާފުއްޓަށް 81 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ގއ. ގެމަނަފުއްޓަށް 58 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އަދި ވަކީން ޚާއްޞަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން، މިހާރުވެސް ވަނީ ތ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. ހަމައެހެންމެ، އިއްޔެ، ހުވަދު އަތޮޅަށް ޔެލޯ އެލާޓްވެސް ނެރުނެވެ.

މީގެއިތުރުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގެ ރަށްރަށުގައި ފެންބޮޑުވުމުގެ ޙާދިސާތައްވެސް ހިނގާފައިވެއެވެ.