ވިލިމާލޭ ފެރީ ޓާމިނަލްގެ ކައިރީގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް އިން، އެސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގާފައިވާއިރު، ނުނަގައިފިނަމަ މި އުޅަނދުތައް ޓޯވ ކުރާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ޓްރެފިކް ޕޮލިސް އިން ހާމަކޮށްފައިވާ ގޮތުގައި، މި އުޅަނދުތައް މާދަމާގެ 12:00ގެ ކުރިން ނުނަގައިފިކަމުގައިވާނަމަ، އެތަކެތި ޓޯވ ކުރެވޭނެއެވެ.

"ވިލިނގިލީ ފެރީ ޓާމިނަލްގެ ކައިރީގައި ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް އެސަރަޙައްދުން ނެގުމަށް ދަންނަވާލަން. އަދި، 5 ޖެނުއަރީ 2019 ވަނަ ދުވަހުގެ 12:00 ގެ ފަހުން އެސަރަޙައްދުގައި ޤަވާއިދާއި ހިލާފަށް ޕާރކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރެވޭނެ ވާހަކަވެސް ދަންނަވަން." ޓްރެފިކް ޕޮލިސް އިން ބުނެފައިވެއެވެ.

ފުލުހުން ދަނީ މިގޮތަށް ތަންތަނުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް އަބަދުވެސް ކުރަމުންނެވެ.