މޫސުން ލަފާކުރާ ގޮތުން މިއަދާއި މާދަމާވެސް ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކަް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގަދަވަޔާއިއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ދިރާލާ ތައްޔާރުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެންޑީއެމްއޭ އިން މިއަދު ނެރެފައިވާ ރައްކާތެރިކަމުގެ އިރުޝާދުގައި ބަޔާންކޮށްފައިވާ ގޮތުން، ފެންބޮޑުވުމާއި، ގަދަވައި އަދި ކަނޑުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި، ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ހާމަކޮށްފައިވެސްވެއެވެ.

އެގޮތުނު، ވާރެވެހި ފެންބޮޑުވެދާނެކަމަށް ކުރިއާލާ ތައްޔާރުވުމާއި، ގަދަވައިގެ ސަބަބުން ފުރާޅު އެއްލާލަފާނެކަމަށް ތައްޔާރުވުމާއި، ކަރަންޓުން ސާމާނު ބޭނުން ނުކުރާނަމަ ނިއްވާލާފައި ބެހެއްޓުން ހިމެނެއެވެ.

ހަމައެހެންމެ، ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުވުމާއި، ދަތުރު ފެށުމުގެ ކުރިން ސަލާމަތީ އަދި މުވާސަލާތީ ކަންކަމަށް ސަމާލުކަން ދިނުން ހިމެނެއެވެ.

އިތުރަށް ކުރަން އިލްތިމާސް ކުރި ކަންކަމުގެ ތެރޭގައި ގެއްލުމެއް ލިބިއްޖެނަމަ 48 ގަޑިއިރުގެ ތެރޭގައި ކައުންސިލްތައް މެދުވެރިކޮށް އެންޑީއެމްއޭ އަށް ހުށަހެޅުން ހިމެނެއެވެ.

ރޭ ކުރި ވިއްސާރައިގައި ބައެއް ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. މިހާރުވެސް ރާއްޖޭގެ ސަރަޙައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.