މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އުޅޭ ކަމަށް ބައެއް ފާރާތްތަކުން އަޑު ފަތުރާފައި ވީނަމަވެސް އެކަން މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރުދާއިރާގެ މެންބަރު މޫސާ މަނިކު ދޮގުކުރައްވައިފިއެވެ.

"ވަގުތަށް" މައުލޫމާތު ދެމުން މޫސަ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން އުޅޭ ކަން ރަސްމީކޮށް އެމަނިކުފާނަށް އެނގިފައިނުވާކަމުގައެވެ.

"އަޅުގަނޑަކަށް އަދި ރަސްމީ ސިފައެއްގައި އެނގިފައެއް ނެތް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމެއް. އަދި އެފަދަ އެއްވެސް މައުލޫމާތެއްވެސް ނުލިބޭ" މޫސަ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއް ހުކުރު ދުވަހު އެޖެންޑާކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން އަޑުފަތުރާފައިވާއިރު ހަފްތާ ބަންދަކީ އާންމުގޮތެއްގައި މަޖިލިސް ވެސް ބަންދު ދުވަސްތަކެވެ. އާންމު ގޮތެއްގައި މަޖިލިސް ބާއްވަނީ ހަފްތާ ހޯމަ އަންގާރަ އަދި ބުދަ ދުވަހުއެވެ.

މި ހަފްތާގެ ތެރޭގައި މަޖިލީހުން މުހިންމު ބިލްތަކެއް ވަނީ ފާސްކޮށްފައެވެ. އެގޮތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިޙާން ހުސެން މަނިކު މަޖިލީހަށް ހުށައެޅި އެންޓި ޑިފެކްޝަން ބިލާއި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހަށް ހުށައެޅި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެވުމުގެ ބިލް ފާހަގަކޮށްލެވެއެވެ. އެ ދެބިލް މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ނައިބްރައީސް މޫސަ ވަނީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ގިނގަމުންދާގޮތް ވެސް "ވަގުތަށް" ހިއްސާކުރައްވާފައެވެ.

މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަށް ވަނީ ބައިބައިވެފައި ކަމަށާއި އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާކޮށް ގައުމު ހަލަބޮލިކުރުމަށް މަސައްކަތް ކުރަނީ އިންތިހާބުގެ ކުރިން އެ ފަރާތްތަށް އެއްގަލަކަށް އެރުމަށް ކަމަށެވެ.