ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރާ ގޮތަށް ހަމަޖެއްސުމަކީ އެ ކޮމިޝަނުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުވައްޒަފުންގެ ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް ލިބޭ ހަދިޔާ ނަގަން ޖެހޭނީ ދައުލަތުގެ ހަޒާނާއަށް ކަމަށެވެ.

"މިއީ ރަނގަޅު ބަދަލެއް ނޫން ,މައި ސަރުކާރުން އުފުލަން ޖެހޭ ފަދަ މަސްއޫލިއްޔަތެއް އޭސީސީ ފަދަ މިނިވަން މުއައްސަސާއަކާ ހަވާލުކުރުމަކީ ކޮމިޝަނުގެ މިނިވަންކަމަށް އެޅޭ ހުރަހެއް " ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވަމީ އެ ނިންމުން އަލުން މުރާޖައާކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ކުރެއްވި ޓްވީޓްގައި، ވިދާޅުވިއެވެ.

ސިޔާސީ ފަރާތްތަކަށް ސުވާލު އުފެދޭގޮތަށް ލިބޭ ހަދިޔާ ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކުރާ ގޮތަށް އޮތް އޮތުން ބަދަލުކޮށް އެފަދަ ހަދިޔާ އެންޓިކޮރަޕްޝަން ކޮމިޝަނާއި ހަވާލުކުރާގޮތަށް ހަމަޖައްސާ ޤަވާއިދު ބަދަލުކޮށްފައިވާއިރު މި ގަވާއިދު މިގޮތަށް ބަދަލުކޮށްފައިވަނީ "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް އިސްލާހު ގެނެސް މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި އިސްލާހުގައެވެ.

އެ އިސްލާހުގައި ވާގޮތުން މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި، މުވައްޒަފުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާމެދު ސުވާލު އުފެދިދާނެ ގޮތަކަށް، އެއްވެސް ފަރާތަކުން ދޭންއުޅޭ، ނުވަތަ ދީފާނެ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށެވެ.

އެއްވެސް ފަރާތަކުން އެފަދަ ހަދިޔާއެއް ދީފިނަމަ، ނުވަތަ ދޭން ހުށަ ހަޅައިފި ނަމަ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން، މުވައްޒަފު ޢަމަލުކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

އެފަދަ ހަދިޔާ ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކުރާ ގޮތަށް އޮތް އޮތުން އޭސީސީއާއި ހަވާލުކުރާގޮތަށް ބަދަލު ކުރުމުގެ އިތުރުން އަހަރީ ޗުއްޓީ ހަމަވުމުން ސިޔާސީ މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް އޮންނަ އޮތުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ އަކުން ހުށަހަޅުއްވާ ހުއްދަ ހޯދާގޮތަށްވަނީ ބަދަލުކޮށްފައެވެ.