ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކުގައި ކުރުން ޤާނޫނީ ވަކީލް މަހްފޫޒް ސައީދަށް ފުލުހުން މަނާކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ފުލުހުންގެ ތަޙްޤީޤު ކުރުމުގެ އުސޫލުތަކާއި ހިލާފަށް ޤާނޫނީ ވަކީލް މަހްފޫޒް ސައީދުގެ އަމަލުތައް ހުރުމުގެ ސަބަބުން ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތު ދެވެން ނެތްކަން ވަކީލު މަހްފޫޒް ސައީދަށް ވާނީ އެންގިފައި ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވެސް އަދި އެއްވެސް އިދާރާއެއްގެ ތަޙްޤީޤުގައި ވެސް ވަކާލާތު ނުކުރެވޭ ގޮތައް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަހްފޫޒް ސައީދު ސަސްޕެންޑް ކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން އޭނާގެ ސަސްޕެންޝަން އުވާލީ މިއަހަރުގެ ފެބްރުއަރީ 06 ވަނަ ދުވަހު އެވެ.

މަހްފޫޒް ސައީދަކީ ތަކުރާރުކޮށް ޝަރުޢީ ދާއިރާ އަށް ފާޑުވިދާޅުވެ ތަފާތު ލިޔުންތައް އަމިއްލަ ބްލޮގްގައި ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ފަހަކަށް އައިސް އޭނާ ވަނީ ބައެއް ސިޔާސީ ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.