ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ރައީސް އަޙުމަދު އަދީބު އަބްދުލް ޣަފޫރުގެ ޞިއްޙީ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅު ކުރައްވާ، އެޕާޓީގެ ބައެއް އިސް ފަރާތްތަކުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާ ބައްދަލު ކުރައްވައިފިއެވެ.

އެމްޓީޑީ އިން ބުނެފައިވާ ގޮތުގައި އެޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ނައިބު ރައީސް ސާއިފު އަޙުމަދު އާއި ކައުންސިލް މެމްބަރ ވިޖްނާ މުޙައްމަދު އެވެ.

އަދީބުގެ ޕާޓީގެ އިސް ފަރާތްތަކުން މިއަދު އެޗްއާރްސީއެމްއާ ބައްދަލު ކުރެއްވިއިރު، ރެއިން ފެށިގެން އެމަނިކުފާނަށް ގެންދަވަނީ އައިޖީއެމްއެޗްގައި ބާއްވަވައިގެން ފަރުވާ ދެއްވަމުންނެވެ. އެމްޓީޑީ އިން ރޭ ބުނެފައިވާ ގޮތުގައި އަދީބަށް ފަރުވާ ދެމުން ދަނީ ކްރިޓިކަލް ކެއަރ ޒޯންގައި ބާއްވަވައިގެންނެވެ.

ކްރިޓިކަލް ފަރުވާ އެއް އަދީބަށް ދެމުންދާއިރު، އާއިލާގެ މެންބަރަކު ކައިރީގައި ހުންނަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުއްދަ ނުދޭކަމަށްވެސް ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ސަރުކާރުގެ މިނިސްޓަރަކުވެސް ވަނީ، އަދީބުގެ ކައިރީގައި އާއިލާގެ މެންބަރަކު ހުންނަން ހުއްދަ ދޭން ޖެހޭނެކަމަށް ބުނެފައެވެ.

އަދީބުގެ ހާލު ސީރިޔަސްވެގެން ރޭ އައިޖީއެމްއެޗް އަށް ގެންގޮސް އެނދުމަތިކޮށްފައިވަނީ ގޭ ބަންދުން ޖަލަށް ބަދަލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އަދީބު ޖަލަށް ބަންދު ކުރަން ޖެހޭ ތާރީޚަކީ މި މަހުގެ 27 ވަނަ ދުވަސްކަމުގައިވިޔަސް، ކަރެކްޝަންސް އިން އެކަން ކޮށްފައިވަނީ ކުއްލިއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަބީބު

    ތިޔައީ އެކަލޭގެ ދޫކޮށްލަންވެގެން ކުޅޭ ފިލްމެކެވެ. ފިލްމު ފެށުނީ އޭނަ ގެޔަށް ބަދަލުކޮށްގެންނެވެ. މެދުތެރެއިން އޮންނަނީ އަލުން ޖަލަށް ގެންދިޔުމެވެ. ދެން އޮތް ސީންގައި އޮންނާނީ އޭނަގެ ޢާއިލާޔާ އޭނަގެ މުދަލުގައި އުޅޭމީހުން އޭނަ ސަލާމަތްކުރަން އުޅުމެވެ. ފަހު ސީނުގަ އޮންނާނީ އޭނަ މިނިވަންކުރުމެވެ. މިއީ ތޯތޯއެއްނޫނެވެ.