މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފޯރުކޮށްދެމުންދާ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް، ހއ. ދިއްދޫގައި ފެށުމުގެ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ދިއްދޫ ކައުންސިލާއި، ފުލުހުންނާ ދެމެދުއެވެ.

ފުލުހުންގެ އިދާރާ އިން ވިދާޅުވި ގޮތުގައި މި ބައްދަލުވުން ބާއްވާފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ދިއްދޫގައި ތަޢާރަފްކޮށް މަސައްކަތްކުރާނެ ގޮތާއި، ދިއްދޫ އަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ބޭއްވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ހަމައެހެންމެ، އާންމުންގެ ފަރާތުން ލިބޭ މަޢުލޫމާތުގެ އަލީގައި ތަންފީޒު ކުރަންޖެހޭ ކަންކަމުގައި ކައުންސިލްގެ ދައުރެއް ވާނަމަ އެކަމުގެ އެއްބާރުލުން ލިބޭނެ ގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން، އެރަށުގައި އެއްގަމު ދަތުރު ފަތުރުކުރާ އުޅަނދުތައް ރަނގަޅު ނިޒާމެއްގެ ތެރެއިން ޕާކު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންވެސް ފުލުހުންނާއި ކައުންސިލުން މަޝްވަރާ ކޮށްފައިވެއެވެ.

މިބައްދަލު ކުރެއްވުމުގައި، ހއ. އަތޮޅު ކޮމާންޑަރާއި ދިއްދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ދިއްދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސަރަޙައްދުގައި ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް ފަށާފައިވާއިރު، އައްޑޫ ސިޓީގައިވެސް މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.