ރާއްޖޭގައި ތިބެގެން ދިވެހި ފަންނީ ޑޮކްޓަރުންނާއި ނަރުހުން، އަދި އެހެނިހެން ބޭފުޅުން ޕްރޮފެސަރުންނަށްވުމުގެ މަގު ތަނަސްވަސް ކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުވަމުން އަންނަކަމަށް ބުނެފިއެވެ.

އޭޑީކޭގެ ހައިޓެކް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، މިހާރު އެ ހޮސްޕިޓަލްގައި ތިއްބެވި ޕްރޮފެޝަނަލުންނަށް ކުރިއަށް ދެވޭނެ ދޮރުތައް ހުޅުވާދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން ދިވެހި ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުމުގައި ދެން އޮތް ބޮޅަކީ ކިޔަވާދިނުމާއި، ދިރާސާ ކުރުންކަމަށާއި އެ މަގު ތަނަވަސް ކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ތިބޭފުޅުން ކުރައްވާ ހުރިހާ ދިރާސާތައް ޕަބްލިޝް ކުރުމަށްޓަކައި އޭޑީކޭ ޖާނަލް ފޯ ހެލްތް އެންޑް މެޑިސިންވެސް މިހާރު ވަނީ ރަޖިސްޓްރީ ކުރެވިފައި. އަޅުގަނޑުމެން ވަރަށް އަވަހަށް ޕޭޕާޒްއަށް ހުޅުވާލާނަން. އަދި މި އަަހަރު ތިބޭފުޅުންގެ ކޮންޓްރިބިއުޝަންއާއެކު ސައިންޓިފިކް ޖާނަލްއެއް އަޅުގަނޑުމެން ޝާއިރުކުރާނަން". އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ އެކަން ކުރުމަށް، އޭޑީކޭ ސްކޫލް ފުޅާކުރާނެ ކަމަށެވެ.

"މި ސްކޫލް ފުޅާކޮށް މި ސްކޫލުން ކުރެވޭ މަސައްކަތުން ތިބޭފުޅުންގެ ޓައިޓަލްއަށް ޕްރޮފެސަރޝިޕް އަޅުގަނޑުމެން ގެނެސްދޭނަން". އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ، މީގެ ކުރިން ރާއްޖެއިން ބޭރަށް ތަމްރީން ކުރަން މީހުން ފޮނުވުމަށް ކުރަމުންދިޔަ މަސައްކަތް ނިމުމަކަށް ގެނެސް ރާއްޖޭގައި އެ ތަމްރީނު ހެދޭނެހެން ސްކޫލެއް ގާއިމްކޮށްފައިވާކަމަށެވެ.

"މިދިޔަ ހަފްތާ ތެރޭގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވި އަޅުގަނޑުމެންގެ ހޮސްޕިޓަލްގެ ފެކަލްޓީއެއްކަމަށްވާ ސްކޫލް އޮފް ހެލްތް ސައިންސެސް އިން ކިޔަވައިދޭން ވާނީ ފަށާފައި. މިއީވެސް އަޅުގަނޑުމެން މީހުން ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް" އައްފާލް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ވަރަށް ފުންނާބު އުސް އެކި ދާއިރާތަކުގެ މަސައްކަތް ކުރާ ސްޕެޝަލިސްޓުންނާއި، ސުޕަ ސްޕެޝަލިސްޓުން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރުވެސް 11 ދިވެހި ރައްޔިތަކު ސްޕެލައިޒްވުމަށާއި، ސުޕަ ސްޕެލައިޒްވުމަށް އޭޑީކޭގެ ސްޕޮންސާޝިޕްގެ ދަށުން ރާއްޖެެއިން ބޭރުގައި ތައުލީމް ހާސިލް ކުރައްވަމުންގެންދާކަން އައްފާލް ފާހަގަކުރެއްވިއެވެ.

އައްފާލް ވިދާޅުވީ، މީހުން ބިނާ ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ހުޅުވިގެން ދިޔަ ސެންޓަރުގެ އިސްވެރިޔަކަށް ހުންނަވާނީ ދިވެހިން ކަމަށާއި، އެ ސެންޓަރުގެ 60 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންކަމަށް އައްފާލް ވިދާޅުވިއެވެ.