މޯލްޑިވްސް އިންޓަގްރޭޓެޑް ޓްއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ހ.ސްވޯޑް މުހައްމަދު ރާއިދު އައްޔަން ކުރައްވައިފިއެވެ.

އެމްއައިޓީޑީސީ އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޓަގްރޭޓެޑް ޓްއަރިޒަމް މަޝްރޫޢުތައް ހިންގުމަށް އުފެއްދެވި ކުންފުންޏެކެވެ.

ކުރިން އެމްއެމްޕީއާރްސީ އާއި ހަވާލުކޮށްގެން ގެސްޓް ހައުސްތަކެއް އިމާރަތް ކުރަން އުޅުނު ލ.އަތޮޅު ބަރެސްދޫގެ މަޝްރޫޢުގެ ޔާމީންގެ ސަރުކާރުގައި ފަހުން ވަނީ އެމްއައިޓީޑީސީ އާއި ހަވާލުކޮށްފައެވެ.

އެކުންފުނިން ވަނީ ކ.އަތޮޅު ކާށިދޫގައި 60 ކޮޓަރީގެ ގެސްޓް ހައުސްތަކެއް އަޅަން ބިންގާ އަޅާފައެވެ. އެމަޝްރޫޢުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މިހާރު ވަނީ ގިނަ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރައްވާފައެވެ. ނަމަވެސް އެންމެ މުހިންމު އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަށް އަދި މެނޭޖިން ޑިރެކްޓަރެއް އައްޔަން ކުރައްވާފައެއް ނުވެއެވެ. އެކުންފުނީގެ އެކްޓިން އެމްޑީ އަކަށް ހުންނެވީ ރައީސް ޞާލިހްގެ ބޭބެ މޫސާ ޞާލިހެވެ. މޫސަ އަކީ ޔާމީންގެ ވެރިކަމުގައި ވެސް އެކުންފުނީގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ.

ކުންފުނިތަކުގެ ބޯޑަށް ބޭފުޅުން އައްޔަން ކުރައްވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުންނެވެ. ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރައްވާނެ ބޭފުޅުންގެ ނަންތައް ބޯޑަށް ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެންކު

    ބެންކު އޯލްސޯ ނޯ އެމްޑީ

  2. އިބުރާ ފަހަތުން އުޅުނު ކަލޭގެ

    މީ ހަމަޖެހޭ މީހެއް ނޫން. މަބުނީތީ ބަލަން ތިބޭތި ކުންފުނީގެ މުވައްޒަފުން.