މާލޭގެ ބައެއް ހިސާބުތަކުގައި އަނިޔާވެރިގޮތަކަށް ބުޅާތައް މަރަމުންދާ މައްސަލަތަކެއް ފެންމަތި ވެއްޖެއެވެ.

މާލޭގައި އެކިއެކި މީހުން އޮޅުކޮށްގެންވެސް ބުޅާ ގެންގުޅޭ އިރު، ޓްވިޓާގައި ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ފޮޓޯތަކުގައި ވާގޮތުން އަނިޔާވެރި ގޮތްގޮތަށް ބުޅާތައް މަރާފައިވާތަން ފެނެއެވެ. ހާއްސަކޮށް ބައެއް ފަރާތްތަކުން އޮޅުކޮށްގެން ގެންގުޅޭ ބުޅާތައްވެސް މަރާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އަބަދުވެސް ފާހަގަކޮށްލެވެނީ ޖަނަވާރުންގެ ހައްގުތަކަށް ވަކާލާތުކުރާ މީހެއްގެ ގޮތުގައެވެ. އޭނާގެ ޓްވިޓާގައި ބުނެފައި ވަނީ ބުޅާތައް މަރަމުންދާ މީހުން ހޯދާނެ ކަމަށެވެ.

" މިހާރުވެސް ދެ ބުޅާ ފެނިއްޖެ ބޮލަށް އަނިޔާކޮށް މަރާލާފައި އޮތްވާ. އެކަހަލަ މީހުން ހެޔޮނުވާނެ ދުނިޔެއަށް ދޫކޮށްލާފަ ބައިތިއްބަންވެސް. އެމީހުން ހޯދާނަން،" މީރާ ޓްވިޓާގައި ބުނެފައިވެއެވެ.

ބުޅާތައް މަރަމުންދާ މައްސަލައިގައި، ރާއްޖޭގައި ގެންގުޅޭ ޖަނަވާރުތަކުގެ ހިމާޔަތުގައި މަސައްކަތް ކުރާ ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މާލޭ ސިޓީ ކައުންސިލާ ހޮނިހިރު ދުވަހު ބައްދަލުކޮށް، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނައިން މާލޭ މަގުމަތިން މަރުވެފައި އޮންނަ ބުޅާ ފެނިފައިވާ ކަމަށެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ޖަނަވާރުންނަށް އަނިޔާ ކުރުން ކަނޑައަޅާފައި ވަނީ ކުށެއްގެ ގޮތަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތުނބުޅި

    ޖިހާދަށް ދާން ތައްޔާރުވާ ބަގަ . ޕްރެކްޓިސް ކޮށްލަނީ ބުޅާ ކަތިލަން.

  2. #

    ތިކުށުގެ އަދަބުވެސް މާ ލުޔޭނު. ތިޔައް ވުރެއް ބޮޑުކުރަން ފެނޭ އަދަބު.

  3. ..

    ބުޅާ ގެންގުޅެން ނޭގެންޏާ ނުގެންގުޅުނީމަ ނީމުނީ އެއްނު. ދުވާވަހުންވެސް ކެތްނުވޭ. ބޯހަލާކު..

  4. ގުރާ

    ބުޅާ މަރުވެފަ އޮއްވަ ފެންނަ ވާހަކަ ލިޔެފައޮތީ. މަރާފައެއްނޫން ދޯ؟ ކޮންމެވެސް ބައްޔެއްޖެހެނީ ކަންނޭގެ ބުޅާމަރުވާ ޒާތުގެ.

  5. ޢާލް

    ތިކަމަށްވެސް ވަރަށް އަވަހަށް ރައީސް އިބޫ ކަމިޝަނެއް ހަދާނެ....

  6. މުހައްމަދު

    މިކަމަށްއޮތީ އެންމެ ހައްލެއް ގެރިމޯދީއާ މަޝްވަރާކޮށް ސަފީރާއެކު ފޮޓޯއެއްނަގާލުން ނޫނީ ހުރިހާ ބުޅާތަށް ކިނބުލާ ހަވާލުކުރުން ހެހެހޭ