މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯގެ މަގާމަށް އަހުމަދު ނާސިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ރައީސް އައްޔަން ކުރައްވާފައި ވަނީ ގދ. ގައްދޫ ފަހާގެ، އަހުމަދު ނާސިރެވެ. ނާސިރު މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގައެވެ.

ނާސިރަކީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް އުފެއްދުމާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުންވެސް ނާސިރު ވަނީ ޓިވެޓް އޮތޯރިޓީގެ އެސެސާގެ މާގާމާއި ޓިވެޓް އޮތޯރިޓީގެ ކައުންސިލް މެންބަރުކަމާއި ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓާއި، ވިލާ ކޮލެޖާގެ އިތުރުން ޓްރެއިނިންގް މޯލްޑިވްސާއި، މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ޓެކްނޮލޮޖީއާއި، މަންދު ކޮލެޖްގައި ޕާޓް ޓައިމް ލެކްޗަރާއެއްގެ މަގާމު ވެސް އަދާކުރައްވާފައެވެ. ނާސިރަކީ މީގެކުރިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ އިސްވެރިޔާގެ މަގާމު އަދާކުރެއްވާފައިވާ ބޭފުޅެކެވެ.

ނާސިރު ވަނީ އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިޔާއިން "މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު