މިދިޔަ އަހަރު ކަސްޓަމްސްއިން 83 މައްސަލައެއްގައި 32 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިއަދު ހާމަ ކުރި މައުލޫމާތުތައް ދައްކާ ގޮތުން 83 މައްސަލައިގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން ޓްރެފިކް ކުރި 11 މައްސަލައަކާއި ޕޯސްޓްގެ ޒަރިއްޔާއިން މަސްތުވާތަކެތި ގެނައި 68 އަށް މައްސަލައަކާއި އެއާ ކާގޯ މަގުންގެނައި ތިން މައްސަލައެއްގެ އިތުރުން ކަނޑުމަގުގެ އެއް މައްސަލަ ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނައިން އަތުލައިގަތީ ކެނަބިސް އެވެ. އެގޮތުން ކެނަބިސްގެ ގޮތުގައި 17 ކިލޯ އަތުލައިގެންފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން އަތުލައިގަތީ ހެރޮއިންނެވެ. ހެރޮއިންގެ 10 ކިލޯގެ އަތުލައިގަތް ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ.

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު އިތުރު ކަމަށާއި، އެގޮތުން 2017 ވަނަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ އަދަދަކީ 24 ކިލޯ ކަމަށް ކަސްޓަމްސްއިން މައުލޫތު ދެއެވެ.