އިލާހީ ޝަރީއަތުގެ މައްޗަށް އަމިއްލައަށް ހަދާ ގާނޫނުތައް އިސްކުރުން ހުއްދަވެގެން ނުވާކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒް މިގޮތަށް ވިދާޅުވެފައި މި ވަނީ ޒިނޭ ކުރި ދިވެއްސަކު ރަޖަމު ކުރުމަށް ޅ.ނައިފަރު ކޯޓަކުން ކުރި ހުކުމް ބާތިލް ކުރުމަށް ސްޕްރީކް ކޯޓުން ކުރި އަމުރާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިއްޔެގެ ވަގުތެއްގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން އަންހެނަކު ރަޖަމް ކުރަން ހުކުމް އިއްވާފައި ވަނީ އައްޝައިޚް މުޙައްމަދު މޫސާ އެވެ. އޭނާއަކީ މިޞްރުން ކިޔަވާ ވިދާޅުވެގެން ހުންނެވި ގާޒީއެކެވެ.

ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ވިދާޅުވީ ޅ.ނައިފަރު/ހަނީމޫން، އާމިނަތު ޝަރީފާ މުހައްމަދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ހިންގައި ނިންމާފައި ވަނީ އެގަޒިއްޔާގެ ދައުވާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހަވާލާދީފައިވާ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާތިލް ކުރާކަމަށެވެ.

ސްޕްރީމް ކޯޓުގެ އެ އަމުރާއި ގުޅިގެން ޑރ.އިޔާޒް ޓްވިޓާ މެދުވެރިކޮށް ހިތްހަމަނުޖެހުން ފާޅުކުރިއިރު، އޭނާ ވަނީ އެ ހުކުމް އިއްވި ގާޒީ ޝައިހު މުހައްމަދު މޫސާގެ ސާބިތުކަމަށްޓަކައި ދިވެހިން ފަހުރުވެރިވުން ހައްގުކަމަށް ވިދާޅުވެފައެވެ.

ޑރ އިޔާޒް ވިދާޅުވީ، މުޖުތަމައު އިސްލާހް ކުރެވޭނީ އިލާހީ ޝަރީއަތް ތަންފީޒު ކުރެވިގެން ކަމަށެވެ.

އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއް ކުށްވެރިޔާ އަށް ދިނުމަށް ޙުކުމް ކުރުމުގެ ފުރުސަތު ރާއްޖޭގެ ޤާނޫނުތަކުން ފަނޑިޔާރުންނަށް އޮތް ނަމަވެސް ފަނޑިޔާރަކަށް ޙުކުމް ކުރެވޭނީ ކުރި ދައުވާއެއްގައި އޮންނަ އަދަބެއް ދޭންށެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ ޒިނޭ ކުރުމަކީ ކުށެކެވެ. އެމާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ ޒިނޭ ކުރި މީހެއްގެ އަދަބަކީ 100 އެތިފަހަރުން ހައްދު ޖެހުމާއި އެކު އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.

2015 ވަނަ އަހަރު ވެސް އަންހެނަކު ރަޖަމް ކުރަން ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓަކުން ޙުކުމް ކުރިއެވެ. އެފަހަރު އަންހެނަކު ރަޖަމް ކުރަން ޙުކުމް ކުރީ ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ. އެޙުކުމް ވެސް ސުޕްރީމް ކޯޓުން ބާތިލްކޮށް މައްސަލައިގައި ފައިލްތައް ސުޕްރީމް ކޯޓަށް ފޮނުވަން އަމުރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބެއްޔާ

  ޝޭހު ތިވާހަކަ ދައްކަން އަދި ތަންކޮޅެއް އަވަސް

 2. ރިޓް

  ކޮބާ އިލްޔާސް ދޫބަންދުވާބީ

 3. މޫސާ

  ތިޔަ ޤާނޫނު އިސްލާމީ ޝަރީޢަތާ ފުށުއަރާ! އަވަހަށް އުވާލާ!

 4. ބެއްޔާ

  ގާޒީއަށް ދަރުމަހުރި. ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ހަލާކުހުރި. މިގައުމުގަ ގާނޫނު ނަގަހައްޓަނީ ސްޕްރީމްކޯޓުން. އިސްލާމްދީން ހިމާޔަތްކުރަނީ ދަށުކޯޓުން

 5. ނުރަބޯ

  ބަލަ ޝޭޚޫ. ހަމަ ތިޔަވިދާޅުވާ “އަމިއްލައަށް ޤާނޫނު ހަދާ” މަޖްލިހުގެ މެންބަރުކަމަށް މީގެކުރިން ޝޭޚު ވެސް ކުރިމަތިލެއްވީމު ނޫންތޯއެވެ؟ އެއީ ކީއްކުރައްވަން ތޯއެވެ؟ ޤާނޫނު ހެދުން ހުއްޓުވަންތޯއެވެ؟ އިންސާނުން ނަކީ ޤާނޫނު ހަދަންތިބޭބައެއް ނޫނެވެ. މަތިންބާވާލެއްވި “ދުވަހަކުވެސް އިޞްލާޙު ކުރަން ނުޖެހޭ”ގާނޫނަކަށް ޢަމަލުކުރަން ތިބި ބައެކެވެ. މިކަންނޭގެނީ ކާކަށްތޯއެވެ؟

 6. ޒިޔާޕު

  މީނާ ދެންމިހާރު ހާދަ އަނގަ ގަދަވެގެންނޭ ދޯ މިއުޅޭނީ. ނުބެހޭކަ ކަމެއް ނޯވޭ. މަށައް ދެރައީ މީނާ މާތްރަސްކަލާންގެ ޤައުމުގެ ވެރިއަކަށް އިސްނުކުރެއްވީމަ.

 7. ÷ަކާސަ

  ތޯޢޫތުން ގިނަ ޤައުމެއް މީ

 8. عبدالله

  ޙުކުމްތައް ބުނެދޭ މީހުންނަށް ޙުކުމުތައް (އަމުރާއި ނަހީ) ނޭގެއްޏާ ރަނގަޅު ގޮތުގައި އެކަމެއް ނުކުރެވޭނެއެވެ. ޔަހޫދީ ޔުނިވަރސިޓީއަކުން ފަޤީރު އަވަށް ގަނޑަކުން ލިޔުމެއް ހޯދާފައިނުވާ އެއްވެސް މީހަކީ، ކޮލިފައިވާ މީހެއްނޫނެވެ. މިރާއްޖޭގައިވެސް މިހާރު ކިޔަވައިދެނީ، ތޯމަސް ހޯބްސްގެ (ޣައިރު މުސްލިމް) ފަލްސަފީ ފިކުރުތަކެވެ.