ގދ.ތިނަދޫގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް އަދި މަދުވެގެން ދެހަފްތާގެ މުއްދަތެއް ނަގާނެކަމަށް ފެނަކައިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މަޢުލޫމާތު ދެމުން ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ، ޙުސެއިން ހަމީޒް ވިދާޅުވީ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް، އާ ފެން ޕްލާންޓުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ދެ ހަފްތާއާއި ތިން ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ތިނަދޫގެ ފެން ޕްލާންޓުގައި ބޭނުންކުރާ ޓޭންކަށް ދިމާވި މައްސަލައަށްފަހު، އެރަށަށް ފެން ދޫކުރަމުންދަނީ ވަކިގަޑިތަކެއްގައެވެ.

ފެނަކައިން ބުނީ ތިނަދޫގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާ، އެގޮތުން މިހާރު ފެން ދޫކުރާ ގަޑިތައްވެސް އިތުރުކޮށްފައިވާކަމަށެވެ. މިހާރު ދުވާލަކު 16 ގަޑި އިރަށް ފެން ދޫކުރަމުން ދާ ކަމަށާއި، ވަކި ގަޑިތަކެއްގައި ފެން ދޫކުރަމުން ދަނީ މެދުކެނޑުމެއްނެތި ފެން ދޫކުރެވޭ ހާލަތަށްވުރެ އެ ޕްލާންޓުގެ ޓޭންކުގެ ހާލަތު ދަށްވެފައިވުމާ ގުޅިގެން ކަމަށް ފެނަކައިން ބުނެއެވެ.

"1000 ލީޓަރުގެ ޓޭންކެއް މި ހުންނަނީ. ހުންނަ އިރު ކޮންމެ ފަހަރަކު 800 ލީޓަރު ހަމަ ކުރުމަށްފަހު އެ ފެން ހުސްވަންދެން މި ދޫކުރަނީ. ދެހަފްތާ ނުވަތަ ތިން ހަފްތާއެއްހާ ދުވަސް ނަގާނެ މިކަން އެއްކޮށް ހައްލުކުރުމަށް" ހަމީޒް "ޕީއެސްއެމް" އަށް ވިދާޅުވިއެވެ.

ތިނަދޫގެ ފެން ޕްލާންޓަށް ދިމާވި މައްސަލައާ ގުޅިގެން މީގެ ކުރިން ފެން ދޫކުރަމުން އައީ 11 ގަޑި އިރަށެވެ. ނަމަވެސް މިހާރު ފެން ދޫކުރަނީ، ފަތިހު 04:30 އިން ފެށިގެން 13:00 އަށެވެ. އަދި ހަވީރު 15:00 އިން ރޭގަނޑު 21:00 އަށެވެ.

އާބާދީގައި 13 ހާހެއްހާ މީހުން ދިރިއުޅޭ ތިނަދޫގެ ފެން ޕްލާންޓަށް މައްސަލައެއް ދިމާވެފައިވާއިރު، އެރަށުގައި އާ ފެންޕްލާންޓެއް އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަ ދެއެވެ. ތިނަދޫގައި އަލަށް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ 300 ޓަނުގެ ފެން ޕްލާންޓެކެވެ.