ދިވެހި ސަރުކާރުން އިންޑިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްފާޟިލާ އާއިޝަތު މުހައްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގަ އެވެ.

މަޖިލީހުގެ އިދާރާ އިން މައުލޫމާތު ދެއްވާގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަންކުރެއްވުމާއި ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހި ރާއްޖެއާއި އިންޑިޔާއާ ދެމެދުއޮތް ރަހުމަތްތެރި ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އިންޑިޔާއިން އިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީއާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް މަޖިލީހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ.