ދިވެހިންގެ ފުލުހުންގެ އިދާރާއަކީ މި ސަރަހައްދުގައި އޮތް އެންމެ ކުރިއަރާފައި އޯގަނަޒޭޝަންއަށްވުމުގެ ލަނޑުދަނޑި ހާސިލްކުރުމަކީ އުއްމީދެއްކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަވާލުކޮށްފައިވާ ޕޮލިސް ރިފޯމްގެ މަސައްކަތްތައް ފަށާފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ހާސިލް ކުރަން ބޭނުންވާ އެއްކަމުގެ ގޮތުގައި ސަރަހައްދުގައި އޮތް ޕްރޮފެޝަނަލް ފުލުހުންނަށް ދިވެހި ފުލުހުން ވުމަށް އެ މުވައްސަސާއިން ބޭނުން ވެއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، މިހާރު ކުރިއަށްގެންދާ ޕޮލިސް ރީފޯމްގެ ޕްރޮސެސްގެ ތެރެއިން ދިވެހިންގެ ފުލުހުންގެ އިދާރާއަކީ މި ސަރަހައްދުގައި އޮތް އެންމެ ކުރިއަރާފައި އަދި އެންމެ ޕްރޮފެޝަނަލް ޕޮލިސިންގ އޯގަނަޒޭޝަންއަށްވުމުގެ ލަނޑުދަޑި ހާސިލްކުރުމަކީ އުއްމީދެއް ކަމަށެވެ.

އިމްޒިއާ ވިދާޅުވީ، ފުލުހުންނާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދަން މިދިޔަ ބުދަ ދުވަހު ހުޅުވާލާފައިވާއިރު، ފުރަތަމަ ހަތަރު ގަޑިއިރު 150 ހިޔާލެއް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ ތިޔަ ހުރިހާ ބޭފުޅުންގެ ބިނާ ކުރަނިވި ހިޔާލު އަޅުގަނޑުމެންނަށް ދެއްވުން. ފުލުހުންނަކީ ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބައެއްކަމުން އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ހިޔާލު ވަރަށް މުހިންމު. މިހާރުވެސް ފުލުހުންގެ ވަރަށް ގިނަ ކަންތައްތައް ރަނގަޅަށް ކުރިއަށްގެންދެވެނީ ތިޔަބޭފުޅުންގެ ބިނާކުރަނިވި ފާޑުކިއުމަށް.".އިޒްމިއާ ވިދާޅުވިއެވެ.